08 Jun 2014, 10:04
ބަލަމުން ދިޔައީ ރީތި ހުވަފެނެކެވެ. ފޮނިފޮނި އުންމީދުތަކާ ގުޅިފައިވާ ހުވަފެނެކެވެ. ދިމާވާން އޮތް ކަންކަމާމެދު ހިޔާލެއް ފިކުރެއް ނުކުރާ ކަހަލަ އެވެ. އެ ނިދިން ހޭލެވޭއިރު އޭނާގެ ހަޔާތް މުޅިން ބަދަލުވާނެ ކަމަށް ހިތަކަށް ވެސް ނާރަ އެވެ. ރިޝްފާ (އަސްލު ނަމެއް ނޫން) އަށް ހޭލެވުނީ މީހަކު ގައިގައި އަތްލާހެން ހީވެގެންނެވެ. އެއިރު އޭނާ އަށް އެންމެ 13 އަހަރެވެ.
މިހާރު އުމުރުން 20 އަހަރު ވެފައިވާ ރިޝްފާގެ އިއްފަތްތެރިކަން ރަހުމު ކުޑަ އަތަކުން ގެއްލުވާލާފައި ވަނީ އޭނާގެ ބައްޕަގެ އެއްބަނޑު ދައްތަގެ ފިރިމީހާ އެވެ.
ރިޝްފާ އާއި އޭނާ އަށް އެ އަނިޔާ ދިން ޅިޔަނު އޭރު އުޅެމުން ދިޔައީ އެއް ގެއެއްގަ އެވެ. ރިޝްފާ އެ ގޭގައި އުޅެމުން ދިޔައީ އޭނާގެ އާއިލައެކު އެވެ. ޅިޔަނު އެގެއަށް އަންނަނީ ބައެއް ރޭރޭ ނިދާލުމުގެ ގޮތުންނެވެ. އެއީ މާލެ ކަމުން ގޭތެރެ މާ ތަނަވަހެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ރިޝްފާ ނިދަން ޖެހިފައި ވަނީ ސިޓިން ރޫމުގައެވެ. އޭނާއާއެކު އެ ސިޓިން ރޫމުގައި އޭނާ އާއި އެއް އުމުރެއްގެ އެހެން އަންހެން ކުއްޖަކު ވެސް ނިދަ އެވެ. ބައެއް ރޭރޭ ނިދާލަން އަންނަނީ މިބުނާ ޅިޔަނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކު އެއީ ޖިންސީ އަނިޔާއެއް ލިބިފައިވާ މީހެކެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ އެމީހުންގެ އިއްފަތްތެރިކަން ކުޑައިރު ގެއްލިފައިވާ މީހުންނެވެ. މިދިޔަ އަހަރު ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 71 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. ޖިންސީ އަނިޔާއެއް ލިބޭ އިރުން ފެށިގެން ކުޑަކުއްޖަކަށް ނަފްސާނީ ގޮތުން އެތައް އަސަރެއް ކުރެ އެވެ. ކުޅުމާއި ކިޔެވުމާއި ކެއުމަށް ވެސް ބަދަލުތަކެއް އަތުވެދާނެ އެވެ. އަދި ހާދިސާއެއް ހަނދާން ނެތުމަކީ ފަސޭހަ ކަމަކަށްނުވެ އެވެ.
ކުރިން ވާހަކަ ދެއްކި ރިޝްފާ މިހާރު ވަނީ މުޅި ދިރިއުޅުމުގެ މަތިން ފޫހިވެފަ އެވެ. އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވެ އެވެ. ކޮންމެ ކަމެއްގައި ވެސް އޭނާ އަށް ވިސްނެނީ އެންމެ ބިރުވެރި ދިމާލެވެ. ގަބޫލު ކުރެވެނީ ވެސް އޭނާގެ މުސްތަގްބަލް ބަނަވެފައިވާ ކަމަށެވެ.
"އަހަރެންނަކަށް ނޭނގެ ކީއްވެ ކަމެއް އަހަރެން ވަރަށް ބިރުގަނޭ އެހެން މީހުންދެކެ. ހާއްސަކޮށް ފިރިހެނުން ދެކެ. އަބަދު ވެސް ހީވަނީ އެމީހުން އަހަންނާ ބެހިފާނޭ،" ރިޝްފާ ބުންޏެވެ.
ކުޑަކުއްޖާ އަށް ނަފްސާނީ ގޮތުން އަސަރު ކުރަނީ ކިހާ ވަރަކަށް؟
އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަފްސާނީ ޑޮކްޓަރެއްކަމަށްވާ ޑރ. ބައްޝާރު އަބްދުﷲ ދެކޭ ގޮތުގައި ޖިންސީ ގޯނާތަކުން ލިބޭ ނަފްސާނީ ގެއްލުންތަކުގައި އެކި އުމުރުތަކުގައި ކުރަނީ އެކިވަރަށެވެ. އެގޮތުން އެފަދަ ގިނަ ކުދިންނަށް "ޑިޕްރެޝަން"ގެ އަސަރުކުރުން ބޮޑުކަމަށް ފާހަގަކުރި އެވެ.
"ބައެއް ކުދިން އަބަދުވެސް އެ ދިމާވި އަނިޔާ ހަދާން ހުރެ އެކަމާ ބިރުގަތުމުގެ މައްސަލަ ކުރިމަތިވޭ. އެކަމުގެ ސަބަބުން ތައުލީމް ހާސިލް ކުރުމަށާއި ކެއުން ބުއިމާއި ނިދުން ފަދަ ކަންތަކަށް ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވޭ،" ޑރ. ބައްޝާރު ވިދާޅުވި އެވެ.
ޑރ. ބައްޝާރު ވިދާޅުވި ގޮތުން ނަމަ އެފަދަ ނަފްސާނީ މައްސަލަތަކުގެ ސަބަބުން ގިނަ ކުދިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދެ އެވެ. އެހެންކަމުން އެފަދަ މައްސަލަތައް ދިމާވެފައިވާ ކުދިންނަށް ވީހާ ވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންނާ ބެހޭ މައްސަލަތައް އިތުރުވަނީ ކީއްވެ؟
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް އިތުރުވުމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައި ވަނީ އެކަން ސިއްރުވުމެވެ. ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޝަކީބް ދެކިވަޑައިގަންނަވާ ގޮތުގައި އެފަދަ މައްސަލަތައް ދިމާވާ ކުދިން އަމިއްލަ އަށް ވެސް އެ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ގުޅުމުން އެފަދަ މައްސަލަތައް ބެލިގެންދާނެ ކަމަށެވެ.
އެފަދަ މައްސަލައެއް ސިއްރުނުކޮށް ކަމާބެހޭ ފަރާތަކަށް އަންގައިފި ނަމަ އިތުރު އަނިޔާއެއް ލިބިދާނެ ކަމަށް ބައެއް ފަހަރު ހީވެ އެވެ. އެކަމަކު އެހެން ނުވާނެ ކަމުގެ ޔަގީންކަން ފުލުހުން އަރުވަ އެވެ.
"ބައެއް ފަހަރު ކުދިން ވަރަށް ބޮޑަށް ޖެހިލުންވޭ އަންގަން. އަޅުގަނޑުމެންގެ އިރުޝާދަކީ އެފަދަ ކަމެއް ހިނގާއިރަށް ވީހާ ވެސް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރާށޭ. ކުއްޖާ ސިއްރުކޮށްދީ ފުލުހުން އެކުއްޖަކު ސަލާމަތް ކޮށްދޭނަން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އަނިޔާ ލިބިފައިވާ ކުދިން ދެނަގަންނާނީ ކިހިނެއް؟
ޖިންސީ ގޯނާ ލިބިފައިވާ ކުދިން އަވަހަށް ދެނެގަތުމަކީ މައިންބަފައިން ގެ ވަރަށް ބޮޑު ޒިންމާއެކެވެ. އާދައިގެ ކުއްޖެއްގެ ކިބައިން ނުފެންނާނެ ފަދަ އެތައް ކަމެއް ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖެއްގެ ކިބައިން ފެނިދާނެ އެވެ. ކަމާބެހޭ ފަރާތްތަކުން އާންމު ކޮށްފައިވާ އެފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި އެ ކުއްޖަކަށް ނިދަން އުނދަގޫވެގެން އުޅުމާއި މާޔޫސްވެފައި ހުރުމުގެ އިތުރުން އަވަހަށް ހާސްވުމާއި ލަދުވެތި ވުމާއި ރުޅި ގަދަވުން ހިމެނެ އެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ޖިންސީ ގުނަވަނަށް ބަލިޖެހުމާއި ހިނގުމާއި އިށީނދެ އިނުމަށް އުނދަގޫވުމާއި ކުއްޖާގެ އުޅުމަށް ބަދަލުތައް އައުން ވެސް ހިމެނެ އެވެ.
އަދަބު އެކަށީގެންވޭތަ؟
ކުޑަކުދިންނަ ބެހޭ މީހުންނަށް ދިނުމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް އަދަބާމެދު އަޅުގަނޑުމެން ހިތްހަމަ ނުޖެހިން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ވަނީ އެފަދަ މީހުންނަށް އަދަބު ދިނުމަށް މުޅިން އާ ގާނޫނެއް ހަދައިފަ އެވެ. ކުޑަކުއްޖަކާ މެދު ޖިންސީ އެއްވެސް އަމަލެއް ހިންގި މީހަކަށް ކުޑަ އަދަބެއް އެ ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގައިފި ނަމަ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ގާނޫނުގައި ހިމަނާފައިވެ އެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހިމަނާފައިވާ އިރު އާއިލާގެ ކުއްޖަކާ ޖިންސީ ގުޅުމެއް ހިންގައިފި ނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހިމަނާފައިވެ އެވެ.
ކުޑަކުދިންނާ ބެހުމުގެ ނުބައި އާދަ ދިވެހި މުޖްތަމައު އިން ފޮހެލަންވެއްޖެ އެވެ. މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރެވޭނީ މައިންބަފައިންނަށެވެ. ގޯސް ކަންތައްތައް ކުއްޖާ އަށް ކުޑަކއިރުން ފެށިގެން ވެސް ދަނެގަނެވޭވަރު ވާންޖެހެ އެވެ. އަދި އެއްވެސް ހާލެއްގައި ސިއްރު ކުރުމަކީ ރަނގަޅު ގޮތް ކަމުގައި ދެކިގެންނުވާނެ އެވެ.