ފުރާވަރުގެ ކުދިންނަށް ޚާއްސަކޮށްގެން މާލެ ސަރަޙައްދުގައި ފުލުހުން ކުރިއަށް ގެންދާ ބްލޫސް ފޮ ޔޫތު ކޭމްޕްގެ ތިންވަނަ ބުރު ފޭދޫ ފިނޮޅުގައި ފަށައިފި އެވެ.

އެ ކޭމްޕް ފެށުމަށް ރޭ ފޭދޫ ފިނޮޅުގައި އޮތް ރަސްމިއްޔާތެއް ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ރޭ ފެށި ކޭމްޕް ފުލުހުންނާ ގުޅިގެން ހިންގުމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީ އަށް ލިބިފައިވާކަމީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ކޭމްޕްގެ ބައިވެރިން ކޭމްޕަކީ ރަނގަޅު ފެށުމެއްކަމުގައި ބަލައި، ކޭމްޕްގެ ކޮންމެ ބައިވެރިއަކު ވެސް ޢަޒުމް ކަނޑައަޅަންވީ ގައުމަށް ވަފާތެރި، ގައުމަށް ޚިދުމަތް ކުރުމުގެ ރޫޙާއި ޝަޢުގުހުރި ކުއްޖަކަށް ވުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ، އެފަދަ ކޭމްޕްތައް ފުލުހުން އިސްނަގައިގެން ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްޞަދަކީ ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް ހެޔޮ މަގު ދެއްކުން ކަމަށާއި އަމިއްލަ ނަފްސަށް އިތުބާރުކޮށް މުޖުތަމަޢުގައި ގާބިލު ބަޔަކަށްވުމަށް ކޭމްޕްގެ ބައިވެރިންނަށް އިލްތިމާސްކުރާ ކަމަށެވެ.

އޭގެ އިތުރުން ކޭމްޕްގެ ކޮންމެ ބައިވެރިއަކީ ވެސް ގައުމަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެ މީހަކަށް ވުމަށާއި ކޭމްޕުގެ ކޮންމެ ބައިވެރިއަކު ވެސް މާދަމާ ގައުމުގެ އިސް ސަފުގައި ހަރަކާތްތެރިވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކުށްތަކުން ޒުވާނުންނާއި ފުރާވަރުގެ ކުދިން ދުރުހެލި ވުމަކީ ގައުމުގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު އިސްނެންގެވުމުގެ ދަށުން ފުލުހުން ކުރިއަށްގެންދާ ބްލޫޒް ފޮ ޔޫތު ކޭމްޕްގެ ތިން ވަނަ ބުރު މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ އިރު މި ކޭމްޕްގައި 41 ކުއްޖަކު ބައިވެރިވެ އެވެ.