ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެން ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖާދުﷲ ޖަމީލު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ފުލުހުން ޖާދުﷲ އާއި އިތުރު ބަޔަކު ހދ. ހޮނޑައިދޫން ހައްޔަރު ކުރީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ދައުވާ އަށް އިންކާރު ކުރުމަށްފަހު، ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އޭނާ އަށް އަންގާފައިނުވާ ކަމަށް ޖާދުﷲ ބުނިނަމަވެސް، ފުލުހުން އެންގުމުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އޭނާ އިންކާރު ކުރިކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ދައުވާ އަށް އިންކާރު ކުރުމަށްފަހު ދިފާއުގައި ޖާދުﷲ ހުށަހެޅި ހެކީންގެ ހެކިބަހުން އޭނައާ އެއްކޮޅަށް ހެކިބަސް ލިބިފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގި އިޖުރާއަތަކީ ސައްޚަ އިޖުރާއަތެއް ނޫންކަމަށް ޖާދުﷲ ބުނިނަމަވެސް، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެ އިޖުރާއަތަކީ ސައްޚަ އިޖުރާއަތެއް ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ހޮނޑައިދޫގައި ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި ކަމުގެ ކުށް ސާބިތުބުމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.