08 Jun 2014, 09:20
ކިޔެވް (ޖޫން 8) : ޔުކްރޭންގެ ރައީސް ކަމަށް އިންތިޚާބުވެފައިވާ ބީތްރޯ ބޫރުޝިންކޯ ރައީސް ކަމުގެ ހުވާ ކުރައްވައި ރަސްމީ ގޮތުން މަގާމާ ހަވާލުވެވަޑައިގެންފި އެވެ.
މިކަމަށް ޓަކައި އިއްޔެ ކިޔޭވްގައި ބޭއްވި ރަސްމިއްޔާތުގައި ޔޫރަޕްގެ ގިނަ ގައުމުތަކުގެ އިސްބައެއް މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ ތެރޭގައި އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ހިމެނިވަޑައިގަންނަވަ އެވެ. ރައީސް ކަމުގެ ގާނޫނީ ހުވާކުރެއްވުމަށް ފަހު އެ ގައުމުގެ ރޭޑިޔޯ އާއި ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ބޫރުޝިންކޯ ވަނީ ހަތިޔާރު ބެހެއްޓުމަށް ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިންނަށް ގޮވާލައްވައި އެގައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލައި ހަމަޖެހުމާއި ސުލްޙަ ގެނައުމުގެ ޕްލޭނެއް އިއުލާން ކުރައްވާފަ އެވެ.
މި ޚިތާބުގައި ބޫރުޝިންކޯ ވިދާޅުވެފައި ވަނީ ޔުކްރޭންގެ އެއްވެސް ރައްޔިތަކާ ދެކޮޅަށް ހަނގުރާމަކޮށް ބަދަލުހިފުގެ އެއްވެސް އަމަލެއް ހިންގަން އޭނާގެ ސަރުކާރުން ބޭނުންނުވާ ކަމުގަ އެވެ. އަދި އޭނާގެ ސަރުކާރުން ބޭނުން ވަނީ ޔުކްރޭންގެ ކަންކޮޅުތަކަށް ސުލްހައާއި އަމަން އަމާންކަން ގެނަސްދީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހައްގުތައް ފޯރުކޮށްދިނުމަށް ކަމަށާއި މިކަންކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ބޫރުޝިންކޯ ވިދާޅުވި އެވެ.
ބޫރުޝިންކޯ، ޔުކްރޭންގެ ރައީސް ކަމުގެ ގާނޫނީ ހުވާ ކުރައްވާފައި މިވަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ވަކިވަގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކާއި އެގައުމުގެ ސިފައިންނާ ދެމެދު ވަރުގަދަ އަށް ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ. މިހަނގުރާމަ ކުރިޔަށްދާ ނަމަ ޔުކްރޭންގެ އިނދަޖެހިފައިވާ އިގްތިސާދު ރަނގަނޅުކޮށް ގައުމަށް ތަރައްގީ އާއި ފާގަތިކަން ގެނައުމުގެ ހުރިހާ ފުރްސަތުތަކެއް ގެއްލި ޔުކްރޭންގެ ހާލަތު އިތުރަށް ގޯސްވެ ރައްޔިތުންނަށް ބޮޑެތި ވޭނާއި ކެކުޅުންތަކެއް ތަހައްމަލް ކުރަންޖެހޭނެކަން އޭނާ ވިދާޅުވި އެވެ.
ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ރަޝިޔާ އިން ތާއީދުކޮށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އެގައުމުގެ ކުރީގެ ސަރުކާރުން ތުހުމަތުކޮށްފައިވީ ނަމަވެސް ރަޝިޔާ އިން މިކަން ދޮގުކުރެ އެވެ. ޔުކްރޭންގެ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ބޯޝިންކޯ ވަނީ ފަރަންސޭސިވިލާތުގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އާ ސީދާގޮތެއްގައި ބައްދަލުކުރައްވާފަ އެވެ. މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވެސް ވަނީ ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނަސް ސުލްޙަ ގާއިމް ކުރުމަށް ގޮވާލައްވާފަ އެވެ. މިއީ، ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ހަރުކަށި ފަރާތްތަކުން މއަހަރުގެ ކުރީކޮޅު ޔުކްރޭންގައި އޭރުއޮތް އިންތިޚާބީ ސަރުކާރު ގަދަބާރުން ވައްޓާލުމާ އެކު ރަޝިޔާ އާއި ޔުކްރޭންގެ ގުޅުންތައް ގޯސްވެގެން ދިޔަ ފަހުން އެ ދެގައުމުގެ ރައީސުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ޔުކްރޭންގައި އޮތް އިންގިލާބީ ސަރުކާރު ބަލައިގަތުމަށް ރަޝިޔާ ދެކޮޅު ހެދި ނަމަވެސް ޔުކްރޭންގެ އައު ރައީސް ބޫރުޝިންކޯއަކީ އެ ގައުމުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކަށް ވާތީ ބޫރުޝިންކޯގެ ސަރުކާރު ބަލައިގަނެ އެސަރުކާރާ މުއާމަލާތް ކުރާނެކަން ރަޝިޔާ އިން ވަނީ ހާމަކޮށްފަ އެވެ.(ރޮއިޓާސް)