08 Jun 2014, 09:04
ނޯމަންޑީ (ޖޫން 8): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް އާދައިގެ ހަތިޔާރުގެ އިތުރުން ބަރު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރުވެސް އެމެރިކާ ސަރުކާރުން ފޯރުކޮށްދީފައި ވާ ކަމަށް އެމެރިކާ ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.
އެކަމަށް އެއްބަސްވެ ވަޑައިގަންނަވަމުން އެމެރިކާގެ ގައުމީ ސަލާމަތީ ކަންތައްތަކާ ބެހޭ މުސްތަޝާރު ސޫޒާން ރައިސް ވިދާޅުވީ ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އާދައިގެ ހަތިޔާރުގެ އިތުރުން ބަރުހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ވެސް އެމެރިކާ ފޯރުކޮށްދީފައި ވާނެ ކަމަށާއި އަދި މާލީ އެހީއާއި ތަމްރީނާއި ތަދްރީބު ވެސް އެމީހުންނަށް ފޯރުކޮށްދީފައި ވާނެ ކަމުގައެވެ.
ފަރަންސޭސިވިލާތުގެ ނޯމަންޑީގައި ދެއްވި ބަޔާނެއްގައި ސޫޒާން ވިދާޅުވީ އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އެމެރިކާއަށް އިތުބާރުހިފޭ ހަނގުރާމަ ވެރިންނަށް ކަމަށާއި އެއީ މެދުމިނުގެ ހަނގުރާމަވެރިން ކަމަށްވެސް ސޫޒަން ސިފަކުރެއްވި އެވެ. ނަމަވެސް ސޫރިޔާގެ ހަނގުރާމަވެރިންނަށް އެމެރިކާ ފޯރުކޮށްދޭ ހަތިޔާރުތަކުގެ ނަންތަކާއި އޭގެ ތަފްސީލް ސޫޒާން ހާމަކުރައްވާފައެއް ނުވެއެވެ.
ސޫރިޔާއިން ގެންދަނީ ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތު ތަކުރާރުކޮށް އެމެރިކާގެ މައްޗަށް ކުރަމުންނެވެ. ސޫރިޔާއިން ޓެރަރިޒަމް ކަމަށް ސިފަކުރަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަވެރިން ހިންގަމުންގެންދާ ހަރަކާތްތަކެވެ.
ރިޕޯޓްތައް ބުނާގޮތުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރެއިން އެމެރިކާ ހަތިޔާރު ފޯރުކޮށްދެނީ ފްރީ-ސީރިޔަން އާމީ ޖަމާއަތުގެ ހަނގުރާމަވެރިންނަށެވެ. މިއީ ސޫރިޔާ ސަރުކާރާ ދެކޮޅަށް އެންމެ ފުޅާދާއިރާއެއްގައި ހަނގުރާމަކުރާ ލަޝްކަރެވެ. މިޖަމާއަތަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ކަމުގެ ތުހުމަތު ގަތަރަށާއި ސައޫދީ އަރަބިޔާއާއި ތުރުކީގެ މައްޗަށް ވެސް ވަނީ ކުރެވިފައެވެ.
ފްރީ-ސީރިޔަން އާމީ ޖަމާއަތަކީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްގާއިދާއަށް ނިސްބަތްވާ ކަމަށް ބެލެވޭ އައްނުސްރާ ޖަމާއަތާއި އަދި އެހެން ޖަމާއަތެއް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް" ޖަމާއަތާ މުޅިން އިދިކޮޅު ޖަމާއަތެކެވެ.
ފާއިތުވި ދެއަހަރެއްހާ ދުވަގުގެ ތެރޭގައި އެމެރިކާއިން ސޫރިޔާގެ ފްރީ-ސީރިޔަން އާމީ ޖަމާއަތަށް 287 މިލިޔަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދީފައި ވާނެ ކަމަށްވވެސް ސޫޒަން އެއްބަސްވެ ވަޑައިގެންނެވި އެވެ.
ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ މެދުގައި ވެސް ހަނގުރާމައާއި ތަޅާފޮޅުންތައް ހިނގަމުންދެއެވެ. މިހަނގުރާމަ ހިނގަމުންދަނީ މައިގަނޑު ގޮތެއްގައި އައްނުސްރާ ޖަމާއަތާއި "ދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް" ޖަމާއަތާ ދެމެދުގައެވެ. މިދެ ޖަމާއަތުގެ ތެރެއިން އައްނުސްރާ ޖަމާއަތަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޒުވާން ހަނގުރާމަވެރިން ބައިވެރިވާ ޖަމާއަތެކެވެ. އަނެއްކޮޅުން މި ދެ ޖަމާއަތަކީ ވެސް ފްރީ-ސީރިޔަން އާމީ ޖަމާއަތާ ދުޝްމަން ދެޖަމާއަތެވެ.
އައްނުސްރާ ޖަމާއަތާއި "ދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް" ޖަމާއަތަކީ ހުޅަނގާ އިދިކޮޅު ދެ ޖަމާއަތް ކަމަށްވާތީ ހުޅަނގުން ވެސް ފްރީ-ސީރިޔަން އާމީ ޖަމާއަތް މެދުވެރިކޮށް އެ ދެ ޖަމާއަތް ބަލިކަށިކުރުމަށް މަސައްކަތް ކުރަމުން ގެންދެއެވެ. (ރޮއިޓާސް)