ބެއިިޖިންގ: ޗައިނާގެ ސައެންޓިސްޓުން ނިއުކްލިޔަރ ޓެކްނޮލޮޖީގައި ވަރަށް މުހިއްމު ކުރިއެރުމެއް ހޯދައިފިއެވެ. ޗައިނާގެ ރަސްމީ ޓީވީ ސްޓޭޝަން ބުނިގޮތުގައި ޗައިނާގެ ނިއުކްލިޔަރ ސައެންޓިސްޓުން ހޯދި މިކުރިއެރުމަކީ ހަކަތަ ހޯދުމަށްޓަކައި ނިއުކްލިޔަރ ރިއެކްޓަރ ތަކުގައި ބޭނުންކޮށްފައިވާ ޔޫރޭނިޔަމް (ރޭޑިއޭޝަން އެކުލެވޭ ނިއުކްލިޔަރ ދަގުއި) އަނެއްކާވެސް ނިއުކްލިޔަރ ފިއުލްގެ ގޮތުގައި ރިއެކްޓަރތަކުގައި އަލުން ބޭނުންކުރެވޭގޮތް (ރީޗާޖް ކުރެވޭގޮތް) ހެދުމެވެ. މިކަމުގެ ސަބަބުން އިތުރު ޔޫރޭނިޔަމް ނުހޯދިނަމަވެސް، ބޭނުންކޮށްފައިވާ ޔޫރޭނިޔަމް ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް ރިއެކްޓަރތަކުގައި އަލުން ބޭނުންކޮށްގެން ނިއުކްލިޔަރ ހަކަތަ އުފެއްދިދާނެއެވެ.


 މިއީޖާދުގެ ސަބަބުން މިހާރު ޗައިނާގައި ހުރި ޔޫރޭނިޔަމުން އެކަނިވެސް 3 ހާސް އަހަރުވަންދެން ނިއުކްލިޔަރ ހަކަތަ އުފެއްދިދާނެ ކަމަށްވެސް ޗައިނާގެ ސައެންޓިސްޓުންނާ ޙަވާލާދީ އެޤައުމުގެ ރަސްމީ ޓީވީ ޚަބަރު ދެއެވެ. ނިއުކްލިޔަރ ހަކަތައަކީ ވަރަށް އަގުހެޔޮ ހަކަތައެކެވެ. އެއްކިލޯގްރާމް ޔޫރޭނިޔަމްއިން 3 މިލިޔަން މީހުންނަށް ބޭނުންވާ އެލެކްޓްރިކް ކަރަންޓް އެއްއަހަރު ދުވަސްވަންދެން އުފެއްދިދާނެއެވެ. ނުވަތަ މިޒަމާނުގެ ތަރައްޤީވެފައިވާ ދުބާއި ފަދަ ސިޓީއަކަށް އެއް އަހަރު ދުވަހަށް ބޭނުންވާ ހުރިހާ ކަރަންޓެއް ދޮޅު ކިލޯގްރާމެއްހާ ފައްކާކުރި ޔޫރޭނިޔަމުން އުފެއްދިދާނެއެވެ. ނިއުކްލިޔަރ ހަކަތައަކީ ދުނިޔެ ހޫނުކުރާ ކަރބަން ގޭސްތައް ބޭރުކުރުމާނުލައި އުފެއްދޭ ވަރަށް ސާފު ހަކަތައެކެވެ. ރަނގަޅު ފެންވަރަކަށް ސަލާމަތީ ފިޔަވަޅުތައް އެޅިގެން އުފައްދާ ނިއުކްލިޔަރ ހަކަތަބެލެވިފައިވަނީ ތިމާވެއްޓާ ރަޙްމަތްތެރި ހަކަތައެއްގެ ގޮތުގައެވެ. ނަމަވެސް ނިއުކްލިޔަރ ހަކަތަ އުފައްދާ ރިއެކްޓަރަކުން ރޭޑިއޭޝަން ބޭރުވެއްޖެނަމަ އެއީ އެކަމުގެ އަސަރުކުރާ އިންސާނުންނާއި ދިރޭ ކޮންމެ ކާއިނާތެއްގެ ނަސްލު ފަނާކޮށްލާވަރުގެ ނުރައްކާތެރި އެއްޗެކެވެ. ޗައިނާއަކީ ނިއުކްލިޔަރ ހަކަތަ އުފެއްދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދާ ޤައުމެކެވެ.


ޗައިނާގައި މިހާރުވެސް 12 ނިއުކްލިޔަރ ރިއެކްޓަރަކުން މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފައްދައެވެ. ޗައިނާގެ ބޭނުމަކީ ހަކަތަ އުފެއްދުމަށް އެޤައުމުން ބޭނުންކުރާ ބޯޓުދެލީގެ ބަދަލުގައި ބޭނުންކުރެވޭ މިންވަރަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމެވެ. މިކަމަށް އަދި އަހަރުތަކެއް ނަގާނެއެވެ. ބޯޓު ދެއްޔަކީ ޖައްވު ހޫނުކުރާ ގޭސްތައް އެކުލެވޭ ތިމާވެއްޓަށް ގެއްލުންހުރި ހަކަތައިގެ ބާވަތެކެވެ.