ބާލިން (އޭޕީ) — މިދިޔަ ހުކުރު ދުވަހު އާރްމިނިއާއާ ދެކޮޅަށް ކުޅެ 6-1 އިން ޖަރުމަނު މޮޅުވި އެކުވެރި ކަމުގެ މެޗުގައި އެޓީމުގެ އެޓޭކިން މިޑްފީލްޑަރު މާކޯ ރެއުސްގެ ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، ރެއުސްގެ ވާތު ފައިގެ ކުޑަހުޅުގެ "ލިގަމެންޓް" އިރައިގެން ދިއުމުގެ ސަބަބުން އޭނާއަށް ވަނީ، ހައެއް ނުވަތަ ހަތް ހަފްތާ ވަންދެން ކުޅުމާ ދުރަށްދާން ޖެހިފައި ކަމަށެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އުންމީދީ މިޑްފީލްޑަރުގެ ބަދަލުގައި ޖަރުމަނު ޓީމަށް ވަނީ، ސަމްޕޯޑިއާގެ ޑިފެންޑަރު ޝްކޮޑްރަން މުސްތަފީއަށް ފަހުވަގުތު ފުރުސަތު ދީފައެވެ.

"މިއީ މާކޯ ރެއުސްގެ ބަދަލުގައި ކުޅުންތެރިއަކު ނެގީކީ ނޫން. އަހަރެމެންގެ އެބަހުރި ފޯވާޑުންގެ ފަހަތުން ވެސް ވަރަށް މުހިއްމު މަގާމުތައް. އެހެންވެ އަހަރެމެން މިވަނީ ފަހަތަށް ކުޅޭނެ އިތުރު އޮޕްޝަނެއް ހޯދާފައި،" ޖަރުމަނުގެ ކޯޗު ޔަކިމް ލޯ ބުންޏެވެ.

ވޯލްޑް ކަޕަށް ޖަރުމަނު ޓީމުން ތައްޔާރީތައް ވަމުން ގެންދިޔައިރު ރެއުސް އަކީ އެޓީމުގައި އެންމެ ރަނގަޅަށް ކުޅެމުން އައި އެއް ކުޅުންތެރިޔާ އެވެ.

"މިއީ ރެއުސް އަށް ވެސް އަދި މުޅި ޖަރުމަނު ޓީމަށް ވެސް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ޖަރުމަން ކޯޗު ބުންޏެވެ.