ރާއްޖޭގައި އިންވެސްޓްކުރުމަށް ޗައިނާ އަށް މަރުހަބާ ކިޔާ ކަމުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

މިހާރު ޗައިނާގައި ކުރިއަށްދާ ސައުތު އޭޝިއާ ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކުރުމަށް ވީހާ ވެސް ފަސޭހަކަމާއި ފައިދާހުރި ގޮތަކަށް ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"މިއަދާއި ހަމައަށް ރާއްޖޭގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ޗައިނާއިން ދޭ އަހައްމިއްޔަތު ފާހަގަކުރަން. އަޅުގަނޑުމެން ޗައިނާއަށް ދޭން އޮތް މެސެޖަކީ ރާއްޖޭގެ ސަރުކާރުން އިންވެސްޓްމެންޓްތައް ވީހާ ވެސް ފަސޭހަކަމާއެކު ފައިދާހުރި ގޮތަކަށް ކުރިއަށް ދާނެކަން. ރާއްޖޭގައި އިންވެސްޓްކުރުމަށް ޗައިނާއަށް މަރުހަބާ ކިޔަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާގެ ދުވަސްވީ ރަހްމަތްތެރިކަމަށް އަލިއަޅުވާލައި ނާއިބް ރައީސް ޖަމީލު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ވިޔަފާރި ތަރައްގީ ކުރުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޮޑު ކަމަށެވެ. އަދި ރައީސް ޔާމީނު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ބޭރުގެ އިންވެސްޓްމެންޓްތަކަށް ރާއްޖެއިން ފުރުސަތު ދިނުން ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ރާއްޖެ އާއި ޗައިނާގެ ރަހުމަތްތެރިކަމަކީ ދުވަސްވީ ރަހުމަތްތެރިކަމެއް. ރާއްޖޭގެ މިނިވަންކަމާއި ވިޔަފާރީ ކުރިއެރުވުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޮޑު. އަންނަ އަހަރު ރާއްޖޭގެ މިނިވަންކަމުގެ ގޯލްޑަން ޖުބިލީ ފާހަގަކުރާއިރު، ރާއްޖޭގައި އެންމެ ބޮޑު ޓޫރިޒަމް މާކެޓެއް އޮތް ގައުމަކީ ޗައިނާ. ރާއްޖޭގެ ވިޔަފާރި އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި ރައީސް ޔާމީނު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ބޭރުގެ އިންވެސްޓްމެންޓްތަކަށް ރާއްޖެއިން ފުރުސަތު ދިނުން،" ޖަމީލު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުގެ ވިސްނުމަކީ ޗައިނާގައި މާކެޓްކޮށް ޕްރޮމޯޝަނުތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާގެ ފަތުރުވެރިން މިހާރަށްވުރެ އިތުރުވެގެންދާނެ ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު، އެންމެ ގިނައީ ޗައިނާގެ ރައްޔިތުން. އަޅުގަނޑުމެންގެ ވިސްނުމަކީ ޗައިނާގައި މާކެޓްކޮށް ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުން. އެކަމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން އިތުރު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޗައިނާ ސައުތު އޭޝިއާ އެކްޕޯ ފޯރަމް ހުޅުވުމުގެ ރަސްމިއްތާތުގަޔާއި، ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ޗައިނާ އަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. ނައިބު ރައީސް ޑރ. ޖަމީލްގެ މި ދަތުރުފުޅުގައި ޗައިނާގެ ވައިސް ޕްރިމިއާ ވެންގް ޔެންގްއާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.