އަންނަ ބުރާސްފަތި ދުވަހު އަމިއްލަ ގައުމުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ވާދަވެރި މުބާރާތެއް ކަމަށާއި އެމުބާރާތުގެ ފޭވަރިޓުންނަކީ ބްރެޒިލެއް ނޫން ކަމަށް ބްރެޒިލްގެ ގައުމީ ޓީމަށް ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު ރިވާލްޑޯ ބުނެފި އެވެ.

ގޯލް.ކޮމްއަށް ދިން އިންޓަވިއުގައި އުމުރުން 42 އަހަރުގެ ރިވާލްޑޯ ބުނީ މުބާރާތުގައި އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވޭ ދެޓީމަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެއްވަނަ މަގާމްގައި އޮތް ސްޕެއިން އާއި ފަސް ވަނަ މަގާމް ގައި އޮތް އާޖެންޓީނާ ކަމަށެވެ. އަދި ބްރެޒިލްއަށް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވެން އޮތީ ވަރަށް މަސައްކަތް ކޮށްގެން ކަމަށާއި އެކަންކުރުމަށް ގްރޫޕް ސްޓޭޖްގައި ކްރޮއޭޝިއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން މުހިންމު ކަމަށް ރިވާލްޑޯ ބުންޏެވެ.

"މުބާރާތް ކާޔާބުކުރުމަށް ބްރެޒިލްއިން ވަރަށް މަސައްކަތް ކުރަން އެބަޖެހޭ. މުބާރާތުގެ ފޭވަރިޓުން ނަކީ ބްރެޒިލެއް ނޫން. ސްޕެއިން އާއި އާޖެންޓީނާ އަކީ މުބާރާތުގައި ވާދަކުރާނެ އެންމެ ވަރުގަދަ ދެޓީމް ކަމަށް ބެލެވޭ. ޕޯޗުގަލް ޓީމަކީ ވަރުގަދަ ޓީމެއް ނޫން،" ކޮރިއާ ޖަޕާން ގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބްރެޒިލްއަށް ކާމިޔާބު ކޮށްދިން ޓީމުގައި މުހިންމު ރޯލެއް އަދާކުރި ރިވާލްޑޯ ބުންޏެވެ.

މެދުނުކެނޑި ބްރެޒިލްގެ ގައުމީ ޓީމަށް ރިވާލްޑޯ 10 އަހަރު ކުޅުނުއިރު އޭނާ ވަނީ ޖުމްލަ 74 މެޗުގައި ގައުމީ ޓީމަށް ކުޅެ، 34 ގޯލް ކާމިޔާބު ކޮށްދީފައެވެ.

މިފަހަރުގެ މުބާރާތުގައި ބްރެޒިލް ހިމެނެނީ ގްރޫޕް އޭ ފަޅީގައެވެ. މި ފަޅީގައި ދެން ހިމެނޭ އަނެއް ތިން ޓީމަކީ ކްރޮއޭޝިއާ އާއި ކެމަރޫން އަދި މެކްސިކޯއެވެ.

މުބާރާތް ހުޅުވުމަށްޓަކައި ސައޮ ޕޯލޯގައި ކުޅޭ ފުރަތަމަ މެޗަށް ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 1:00ގައެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރަތުގައި ބްރެޒިލްގެ 12 ޝަހަރެއްގައި، ޖުމްލަ 64 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.