07 Jun 2014, 22:53
ވޯލްޑް ކަޕުގައި ވާދަކުރާ ގްރީސް ޓީމުން ބްރެޒިލް އަށް ދާން އޮތް ފްލައިޓް ކެންސަލްވުމުގެ ސަބަބުން އެ ޓީމު ބްރެޒިލް އަށް ފުރުން ފަސްކޮށްފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕަށް އެމެރިކާ އިން ބްރެޒިލް އަށް ދާން އޮތް ގްރީސްގެ ފުރުން ފަސްކޮށްފައި ވަނީ ފުރަން އޮތް ފްލައިޓުގެ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެފައި ވާތީ އެ ދަތުރު ކެންސަލް ކުރުމާ ގުޅިގެން ކަމަށް ގްރީކް ފުޓްބޯލް އެސޯސިއޭޝަނުން ބުނެ އެވެ.
ނިއު ޖާޒީގެ ރެޑް ބުލް އެރީނާގައި ބޮލީވިއާއާ ދެކޮޅަށް އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު، ގްރީސް ޓީމު ކުރިން ފުރަން ހަމަޖެހިފައި އޮތީ މާދަމާ ހެނދުނު އެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބޮލީވިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ގްރީސް ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ފްލައިޓް ކެންސަލްވެ ފުރުން ފަސްކުރި ނަމަވެސް، ފަހުން އެ ޓީމު ފުރާނެ ވަގުތެއް އެ އެސޯސިއޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ވޯލްޑް ކަޕުގައި ގްރީސް އޮތީ ކޮލަމްބިއާ، އައިވަރީ ކޯސްޓް އަދި ޖަޕާނާ އެކު ގްރޫޕް ސީގަ އެވެ. މި މުބާރާތުގައި ގްރީސް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ވަނަ ދުވަހު ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.