ޕާކިސްތާނުގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު އާއިލާގެ ނުރުހުމުގައި ކައިވެނި ކުރުމުން އާއިލާގެ އަބުރު ހިފެހެއްޓުމަށް ކަމަށް ބުނެ އޭނާގެ ގަޔަށް ބަޑިޖަހައި ފެންގަޑަކަށް އެއްލާލައި މަރުވާން ދޫކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އިރު-ދެކުނުން 200 ކިލޯމީޓަރު ދުރުގައި އޮންނަ ހާފިޒްއާބާދުގައެވެ.

ސަބާ މަގްސޫދު ނަމަކަށް ކިޔުނު މި އަންހެން ކުއްޖާގެ ގަޔަށް ބަޑި ޖަހާފައި ވަނީ އޭނާގެ ބައްޕައެވެ. އަދި ސަބާ މަރާލަން އުޅުމުގައި އާއިލާގެ އެހެން މީހުންވެސް އެހީވެފައިވާ ކަމަށް ހާފިޒްއާބާދުގައި މަސައްކަތްކުރާ ފުލުހެއް ކަމަށްވާ އަލީ އަކްބަރު އާ ހަވާލާދީ އޭޕީ ގެ ރިޕޯޓްތަކުގައި ވެއެވެ. ސަބާ މަގްސޫދު މަރުން ސަލާމަތްވެފައިވަނީ ކިރިޔާއެވެ.

ހާފިޒްއާބާދު ކައިރީގައި އޮންނަ ސިޓީއެއްގައި އުޅޭ ފިރިހެން ކުއްޖަކާ ސަބާ ކައިވެނިކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެއަށްފަހު ހާފިޒްއާބާދަށް އަނބުރައި ދިޔުމަށް ސަބާގެ ބައްޕަ އެނާއަށް އަމުރު ކުރުމުން އޭނާ ހާފިޒްއާބާދަށް ދިޔައީ އެއްވެސް އަނިޔާއެއް ނުކުރާނެ ކަމަށް ޝަރުތު ކުރުވުމަށް ފަހުއެވެ.

އެއަށް ފަހު ސަބާގެ އާއިލާއިން އޭނާގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. އޭނާ ފުލުންނަށް ކިޔައިދިން ގޮތުގައި ބައްޕަ އާއި ދެ ބޮޑުބޭބެއިންވެގެން ހާފިޒްއާބާދު ކައިރީގައި އޮންނަ މީހުން ނޫޅޭ ހިސާބަކަށް އޭނާ ގެންގޮސް، އޭނާގެ ގަޔަށް ބަޑިޖެހުމަށް ފަހު ގޯންޏަކަށް ލާފައި ފެންގަނޑަކަށް އެއްލައިލީއެވެ. އަދި ބަޑި ޖެހިއިރު އެނާގެ ބޮޑުބޭބެއިން ބަލަހައްޓައިގެން ތިބި ކަމަށް ވެސް ސަބާ ބުންޏެވެ.

“އަހަރަމެން ކައިރީ ސަބާ ބުނީ އޭނާގެ ބައްޕައާ އާއިލާއިން ތިބީ އޭނާ މަރުވެއްޖެ ކަމަށް ނިންމައިގެން ކަމަށް. އެކަމަކު ހޭ އަރައި ގޯނިން ނުކުމެގެން ފަތާފައި ގޮސް އޭނާ އެއްގަމަށް އެރީ،” ހާފިޒްއާބާދުގެ ފުލުހެއް ކަމަށްވާ އަލީ އަކްބަރު ކިޔައިދިނެވެ.

އެއްގަމަށް އެރުމަށްފަހު ފިރުކެމުން ގޮސް ޕެޓްރޯލް ސްޓޭޝަންއަކާ ހަމައަށް ސަބާ އަށް ދެވުނެވެ. އެވަގުތު އޭނާގެ ހާލަތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ ޕެޓްރޯލް ސްޓޭޝަންގައި ފޯރިއަށް އިން ސެކިއުރިޓީ ގާޑެއް ކަމަށް އަކްބަރު ބުންޏެވެ.

“މިދަނީ އޭނާގެ ބައްޕައާ މި ކަމުގައި ބައިވެރިވި ތިމާގެ މީހުން ހޯދުމަށް އެކި ތަންތަން ބަލައި ފާސްކުރަމުން،” އަކްބަރު ބުންޏެވެ.

މި ހާދިސާ ހިނގާފައި މިވަނީ ޕާކިސްތާނުގައި ދާދި ފަހުން 25 އަހަރުގެ އެހެން އަންހެނަކު ކައިވެނި ކުރި މީހާއާ މެދު އާއިލާއިން ހިތްހަމަ ނުޖެހިގެން އޭނާ ރަޖަމްކޮށް މަރާލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ނުރުހުމުގައި މީހުންނާ އިނުމުން އާއިލާގެ އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ އަހަރަކު އެތައް ސަތޭކަ އަންހެނުންނެއް ޕާކިސްތާނުގައި މަރައެވެ. ނަމަވެސް މި ދެ ހާދިސާ އަށް ވަނީ އާދަޔާ ހިލާފު ބައިނަލްއަގުވާމީ ސަމާލުކަމެއް ލިބިފައެވެ.