07 Jun 2014, 22:01
އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސާބިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ސަޕޯޓަރުން ހިތްހަމަ ނުޖެހިގެން އަޑުގަދަ ކުރުމަކީ މައްސަލައެއް ނޫން ކަމުގައި ބްރެޒިލްގެ ކޯޗު ލުއިޒް ފެލިއްޕޭ ސްކޮލާރީ ބުނެފި އެވެ.
ސާބިއާއާ ދެކޮޅަށް އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗުން ބްރެޒިލް މޮޅުވީ ފްރެޑްގެ ގޯލާއެކު 1-0 ލަނޑުންނެވެ. މެޗުގައި ފްރެޑް ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ 58 ވަނަ މިނެޓްގަ އެވެ. އޭގެ ކުރިން ބްރެޒިލްގެ ފަރާތުން ލަނޑެއް ފެނިފައި ނުވާތީ އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފެނިގެންދިޔަ އެވެ.
"އެއީ އާދައިގެ ކަމެއް،" ސަޕޯޓަރުންގެ ޝުއޫރުތަކާއި ގުޅޭގޮތުން ބްރެޒިލްގެ ކޯޗު ސްކޮލާރީ ބުންޏެވެ.
"ބްރެޒިލްގެ އެހެން ދަނޑުތަކުން ވެސް އެ މަންޒަރު ފެނޭ. ކުޅުންތެރިންނަށް އެ ކަންތައްތަކަކީ މައްސަލައަކަށް ނުވޭ. މިކަހަލަ ކަންތައްތަކަށް އެ މީހުން ވެސް ހުރީ ތައްޔާރަށް. މެޗު ނިމުމަށްފަހު އަހަރެން ބުނާނީ 67،000 ސަޕޯޓަރުންގެ ތެރެއިން ނަތީޖާއާ މެދު ހިތްހަމަޖެހުނީ 65 ސަޕޯޓަރުންނޭ. އެ މީހުންނަށް އަހަރެން ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ.
މުބާރާތް ހުޅުވުމަށްޓަކައި ސައޮ ޕޯލޯގައި ކުޅޭ ފުރަތަމަ މެޗަށް ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 1:00ގައެވެ.