07 Jun 2014, 21:18
ފީފާ ކޮންގްރެސް 2014ގައި ބައިވެރިވެވަޑައިގަތުމަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ބްރެޒިލް އަށް މިއަދު ފުރާވަޑައިގެންފި އެވެ.
މި ދަތުރުގައި ފީފާގެ ރައީސް ސެޕް ބްލެޓާ އަދި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާއާ އިލްހާމް ބައްދަލުކުރައްވާނެ އެވެ.
"މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމަށް ފީފާ އާއި އޭއެފްސީން ކޮށްދެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރާނަން. ވަކިން ޚާއްސަކޮށް އަތޮޅުތެރޭގެ ފުޓްބޯޅަ މުބާރަތާ ބެހޭ ގޮތުން މަޝްވަރާ ކުރާނަން. ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ޓަކައި އަތޮޅުތެރޭގެ ފުޓްބޯޅައަށް ޚާއްސަ ސަމާލުމަކެއް ދިނުމަކީ މުހިއްމުކަމެއް،" އިލްހާމް ވިދާޅުވި އެވެ.
ފީފާ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް އެފްއޭއެމްގެ ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެފްއޭއެމްގެ އެޑްވައިޒަރު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ޑިރެކްޓާ އޮފް ފޮރިން ރިލޭޝަންސް އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވައެވެ. ބްރެޒިލްގައި އޮންނަ ފީފާގެ 64 ވަނަ ކޮންގްރެސް ކުރިއަށް ދާނީ މި މަހު 10 އިން 11 އަށެވެ.