Last Updated:
1 decade 1 year ago

ރިލެކްސް އިން ހޮޓެލްގައި ރޯވި އަލިފާން ނިއްވާލައިފި

    ބުލޮގު ޚުލާސާ
    ރިލެކްސް އިން ބިލްޑިންގ ގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

    އެ ސަރަހައްދުގައި ހުރި ސަންގެ ރިޕޯޓަރު ބުނީ އަލިފާން ރޯވީ އެ އިމާރާތުގެ އެންމެ މަތީބައިގައި ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

    21:33

    ރިލެކްސް އިން ހޮޓެލުގެ މަތީ ބުރީގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

    މިރޭ 8:15 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް 10 ބުރީގެ އެ އިމާރާތުގެ ޓެރެހުގައި ރޯވި އަލިފާންގަނޑުގައި އިމާރާތުގެ ޓެރަސް އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އަލިފާން ރޯވި ވަގުތު އިމާރާތުގެ މަތިން ބިއްލޫރިތަކެއް ފޭބި އެވެ.

    އެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފަކުން ހާމައެއް ނުކުރެ އެވެ.

    ރިލެކްސް އިން ހޮޓެލުގައި ރޯވި އަލިފާންގަނޑު ފުލުހުންނާއި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ގުޅިގެން ނިއްވާލީ މަސައްކަތް ފެއްޓިތާ 15 ވަރަކަށް މިނިޓްތެރޭގަ އެވެ.

    އެމްއެންޑީއެފްގެ ސާޖަންޓް މުހައްމަދު ފާރިޝް ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުމާ އެކު އެ ސަރައްދަށް ގޮސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި އެ ހާދިސާ ހިނގުމާ އެކު އެ ތަނުގައި ތިބި މީހުން އެ އިމާރާތުން ނެރެ ލިފްޓް ނިއްވާލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލިފާންގަނޑު ނިއްވާލުމުގެ މަސައްްކަތްފެށިތާ ގިނަ އިރުތަކެއް ނުވެ އަލިފާން ގަނޑު އެއްކޮން ނިއްވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

    އަލިފާންގަނޑު ނިއްވާލާފައި ވަނީ ރިލެކްސް އިން ހޮޓެލާއި އިންވެގެން ހުރި އިމާރާތަކުން ފެންހޮޅި ގެންގޮސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

    20:49އެމްއެންޑީއެފްގެ ސާޖަންޓު، މުހައްމަދު ފާރިޝް

    އަލިފާން ނިއްވާލީ ރިލެކްސް އިން އިމާރާތާ އިންވެގެން ހުރި އިމާރާތަކުން ފެން ހޮޅި ބޭނުންކޮށްގެން ފެންޖަހައިގެން.
    20:48އެމްއެންޑީއެފްގެ ސާޖަންޓު، މުހައްމަދު ފާރިޝް

    މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ. މައުލޫމާތު ލިބުމާ އެކު ވަގުތުން އެމްއެންޑީއެފް އިން ވަނީ އެޓެންޑުކޮށްފައި. ތަކެއްޗަށް ލިބުނު ގެއްލުމުގެ ތަފްސީލް ފަހުން ހާމަ ކުރާނަން.
    20:43

    އިމާރާތުގެ އެންމެ މަތީ ބައިން ބިއްލޫރިތައް ތަޅައިގެން ބިންމައްޗަށް ފައިބާ އަޑު އެބައިވޭ.
    20:39ރިލެކްސް އިން ސަރަހައްދުން

    އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި. އެއްވެސް މީހަކަށް އަނިޔާ ލިބުނުކަން މިހާތަނަށް އެނގިފައެއް ނުވޭ.
    20:27ރިލެކްސް އިން ސަރަހައްދުން

    ރޯވީ އެ އިމާރާތުގެ އެންމެ މަތީގައި. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން.