ސެންޕީޓާސްބާރގް: 1970 ގެ އަހަރުތަކުގައި ދުނިޔެއަށް މަޝްހޫރުވެގެންދިޔަ މިޔުޒިކް ގްރޫޕް ކަމަށްވާ ބޮނިއެމް ގްރޫފްގައި ހިމެނޭ ހަމައެކަނި ފިރިހެން ފަންނާނު ކަމަށްވާ ބޮބީ ފަރޭލް އުމުރުން 61 އަހަރުގައި ނިޔާވެއްޖެއެވެ. އޭނާ ނިޔާވިކަން އެނގުނީ ރަޝިޔާގެ ސެންޕީޓާސްބަރގް ގައި އޭނާހުރި ހޮޓަލުގެ އޭނާގެ ކޮޓަރީގައި މަރުވެފައިއޮއްވާ މިދިޔަ ބުރާސްފަތިދުވަހު ފެނުމުންނެވެ. ބޮބީ ސެންޕީޓާސްބަރގްއަށް ދިޔައީ މިޔުޒިކް ޝޯއެއް ދިނުމަށެވެ. ހަމަޖެހިފައިއޮތީ ހުކުރުދުވަހު ރަޝިޔާއިން ފުރައިގެން އިޓަލީއަށްގޮސް އާ އަހަރުގެ މުނާސަބަތުގައި ޚާއްސަ މިޔުޒިކް ޝޯއެއް ދިނުމަށެވެ. ނަމަވެސް އިޓަލީއަށް ފުރުމުގެ ކުރިން ބުރާސްފަތިދުވަހު އޭނާ މަރުވީއެވެ. ބޮބީގެ މަރުގެ ސަބަބު އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ބުދަދުވަހު އޭނާ ދިން މިޔުޒިކް ޝޯގެ ކުރިންނާއި އޭގެ ފަހުންވެސް ނޭވާލުމުގެ ނިޒާމަށް ދަތިތަކެއް ކުރިމަތިވެގެން އޭނާ ޝަކުވާ ކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ.


ބޮބީގެ އަސްލުނަމަކީ އެލްފޮންސޯ ފަރޭލް އެވެ. ބޮނިޔަމްގެ އެހެން މެންބަރުންނެކޭ އެއްގޮތަށް އޭނާއަކީވެސް ކަޅު ނަސްލުގެ މީހެކެވެ. ނަމަވެސް އުފަންވެފައިވަނީ ޔޫރަޕްގައެވެ. 1970 ގެ އަހަރުތަކުގައި އުފެދުނު ބޮނިޔަމް ގްރޫޕަކީ އެދުވަސްވަރު ހުޅަނގުގެ މިޔުޒިކްގެ ދާއިރާގައި ދުނިޔޭގެ އެއްވަނައެވެ. މި ގްރޫޕް ރޫޅުނީ 1986 ގައެވެ. އެއަށްފަހު ބޮބީ އުފައްދި މިޔުޒިކް ގްރޫޕަކީ ބޮނިއެމްގެ އޮރިޖިނަލް ގްރޫޕެއްނޫނެވެ.