07 Jun 2014, 17:25
މަސްތުވާތަކެތީގެ ތަފާތު ހަތަރު މައްސަލައަކާއި ގުޅިގެން ހަތަރު މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލައް ހުދުމާގޭ ނާފިއު އަބްދުﷲ ދިދީ،36، އާއި ރ. ކަނދޮޅުދޫ ނޫރާނީމާގޭ އިސްމާއީލް އިބްރާހީމް،29، އާއި ދ. މާއެނބޫދޫ ރޯޝަނީގެ، އަހްމަދު ލިޝާން،22، ގެ އިތުރުން ލ. ދަނބިދޫ ދެކުނުގޭ، އިބްރާހީމް ޝިޔާމް،27، ގެ މައްޗަށެވެ.
އެ މީހުންގެ ތެރެއިން ނާފިއު ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާ މަސްތުވާތަކެތި ބޭނުންކުރި މައްސަލަ ޝަރީއަތަށް ސާބިތުވުމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި އޭނާ ޖަލަށް ލާފައިވާއިރު، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ.
އިސްމާއީލް އިބްރާހީމް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އޭނާގެ އަތުން މަސްތުވާތަކެތި ފެނުނުކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
އެ މީހުންގެ ތެރެއިން ލިޝާން ޖަލަށްލާފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ޝަރީއަތަށް ސާބިތުވުމުންނެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ، އެކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށްލުމާ އެކު 50،000ރ. އިން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އޭނާ އަށް ވަނީ އަންގާފައެވެ.
އެމީހުންގެ ތެރެއިން ޝިޔާމް ތިން އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.