07 Jun 2014, 17:20
ރާޅުގަނޑު ސަރަހައްދުގެ ކުރިމަތިން އޮންނަ މަގަށް ޖަމާކޮށްފައި އޮތް ކުނިތައް ބެހެއްޓުނީ 1000 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ. އެއީ އެވްރެޖްކޮށް މާލޭގެ ގެއެއްގެ ބޮޑު މިނެވެ. އެއީ އަށް ގަޑިއިރުގެ ތެރޭގައި މާލޭ މަގު މަތިން ނަގާފައިވާ ކުންޏެވެ. ޑިސްޕްލޭއެއް ގޮތަށް އެ ކުނި ފުނި މިރޭ 10:00 ޖަހަންދެން ހުންނާނެ އެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފެށި މާލެ ސާފު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަ އިރު މަގުމަތިން 1،600 ޑަސްބިން ކޮތަޅުގެ ކުނި ވަނީ ނަގައިފަ އެވެ. މި ކުނިތަކުގެ ތެރޭގައި އެންމެ ގިނައީ އަޅުގަނޑުމެން އާންމުކޮށް ގަނެ އުޅޭ ދަޅާއި ސުޕާރި ޕެކެޓު ފަދަ ތަކެއްޗެވެ.
"އަޅުގަނޑުމެންގެ ފަހަތުން ފެނިގެން މި ދަނީ އެއް ދުވަހުގެ ފަތިހު 5:00 ފެށިގެން މެންދުރު 1:00 ހަމައަށް މާލޭ މަގުމަތިން ނެގޭ ކުނި. މީގައި މައިގަނޑު ގޮތެއްގައި މި ހުންނަނީ ސިނގިރެޓު ބަޓާއި ތަފާތު ބާވަތްތަކުގެ ޕެކެޓާއި ދަޅާއި ސުޕާރީ ޕެކެޓް،" ސިޓީ ކައުންސިލްގެ މެންބަރު ޝަމާއު ވިދާޅުވި އެވެ.
މާލެ ސާފު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ގިނަ ބައެއްގެ އެހީތެރިކަމާ އެކު މިއަދު ވަނީ ކާނުތައް ވެސް ސާފުކޮށްފަ އެވެ. ކާނުތަކުން ވަނީ މިއަދު އެކަނި ވެސް 30 ޓަނުގެ ކުނި ނަގައިފަ އެވެ.
"މިއަދުގެ ހެނދުނު ވަރަށް ގިނަ ފަރާތްތަކަކާ ގުޅިގެން އަޅުގަނޑުމެން ކާނުތައް ވެސް ސާފު ކުރެވުނު. އެގޮތުން 30 ޓަނުގެ ކުނި ނެގިފައި ވަނީ ކާނުތަކުން. މައިގަނޑު ގޮތެއްގައި ޗަކަ އަދި ކާނުތަކުން ވެސް އެންމެ ގިނައިން ނެގިފައި ވަނީ ސުޕާރީ ޕެކެޓު،" އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލާއި ސަރުކާރުގެ އެކި އިދާރާތަކުން ކުނި މެނޭޖް ކުރުމަށް ބޮޑު މަސައްކަތެއް ކުރާއިރު އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގަބޫލު ކުރަނީ ކުނި މެނޭޖް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތް ނެތުން ކަމަށެވެ.
"ގަވާއިދު ވެސް ތަންފީޒު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި މެނޭޖް ކުރުމަށް އުޅުއްވާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދެވިފައި ނެތީ. މި ފުރުސަތުގައި އަޅުގަނޑު ގޮވާލަން ބޭނުންވޭ ސަރުކާރާއި ސިޓީ ކައުންސިލަށް ދެ ފަރާތުން ގުޅިގެން މާލޭގެ ކުނީގެ މައްސަލައަށް ހައްލެއް ހޯއްދައިދެއްވުމަށް،" އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި އެވެ.
މާލޭ މަގުތަކުން ކުނި މަދު ކުރުމުގެ މަސައްކަތުގައި ފުލުހުން ވެސް އިން ދައުރެއް އަދާ ކުރާނެ އެވެ. ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރުމާ ބެހޭ ގަވާއިދު ތަންފީޒު ކުރާނީ ފުލުހުންނެވެ.
"ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގާނޫނު ނުވަތަ އޭގެ ދަށުން ހަދާފައިވާ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި މިއަދުން ފެށިގެން މަސައްކަތް ކުރަމުން ގެންދާނެ. އާންމު ރައްޔިތުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުވެ ސާފުތާހިރު ކަމަށް ހުރިހާ ބޭފުޅުން ވެސް ލޯބި ކުރައްވާ މާލޭގފެ އެކި ސަރަހައްދުތަކުގައި ކުނި ނުބެހެއްޓުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އިންސްޕެކްޓާ އޮފް ޕޮލިސް ހުސެއިން ޝަމީމް ވިދާޅުވި އެވެ.
އެއް ލައްކައަށް ވުރެ ގިނަ މީހުން އުޅޭ މާލޭގައި ކުނި ގިނަވުމުގައި ފަރުދީ ޒިންމާއެއް އޮތް ކަމަށް ގަބޫލު ކުރަންޖެހޭ ކަމަށް އެންވަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ދެކިވަޑައިގަންނަވަ އެވެ. ކުނީގެ މައްސަލަ ހައްލު ވާނީ އެންމެން ވެސް ތަރައްގީވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މިއީ އަޅުގަނޑުގެ ވެސް ތިބޭފުޅުންގެ ފަރުދީ ޒިންމާއެއް އަދާ ކުރުމުގައި އަޅުގަނޑުމެން އިހުމާލުވާތީ ނުކުންނަ މައްސަލައެކޭ. އަޅުގަނޑުމެންނަކީ މިއަށްވުރެ ހޭލުންތެރި ބަޔަކަށް ވާންވެއްޖެ. ރާއްޖޭގައި މި އޮންނަނީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ. އެކަމަކު އެއްކަލަ ޓެކްނޮލޮޖީ ތަރައްގީވެގެންދާ ގޮތަށް އަޅުގަނޑުމެން ދިވެހި އިންސާނާ ތަރަައްގީއެއް ނުވޭ،" ޒާހިރު ވިދާޅުވި އެވެ.
"އަތުޖެހުނު ތާކަށް ކުނި އުކާފައި ޖެހިގެން ހުންނަ ގޭ ދޮށުގައި ކުނި ކޮތަޅު ބަހައްޓާފައި މިހެން އުޅޭ ކަމަށްވާ ނަމަ އަޅުގަނޑުމެންނަކީ ތަރައްގީއޭ ކިޔާ އެއްޗެއް ދަންނަ ބަޔަކު ކަމުގައި ދުނިޔޭގެ އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެ."
މާލޭ ސާފު ކުރުމުގެ ޕްރޮގްރާމުގައި ފަތާ ސަރަހައްދާއި މަސް މާރުކޭޓު ކުރިމަތިން އޮންނަ ފަޅާއި ޓީޖެޓީގެ އިތުރުން ވެސް ވަރަށް ގިނަ ތަންތަން ވަނީ ސާފުކޮށްފަ އެވެ.