07 Jun 2014, 16:32
އަންނަ ބުރާސްފަތި ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ހުރަސްއަޅަން ކުރާ ކަންތައްތައް ބަލައި ނުގަނެވޭނެ ކަމަށާއި ބްރެޒިލަށް ދާ އެންމެނަށް ވެސް ރައްކާތެރިކަމުގެ ޔަގީންކަން ދޭ ކަމަށް ބްރެޒިލްގެ ރައީސާ ޑިލްމާ ރޫސެފްގެ ވިދާޅުވެއްޖެ އެވެ.
ސީއެންއެންއަށް ދެއްވި އިޓަވިއުގައި ބްރެޒިލްގެ ރައީސާ ވިދާޅުވީ، މުބާރާތް ފެށެން އެންމެ ތިން ދުވަހަށް ވެފައި ވާއިރު މުބާރާތައް ހުރަސް އެޅުމަށް ގައުމުގެ ގިނަ ރައްޔިތުންތަކެއް މަގުތަކަށް ނުކުމެ، ކުރާ މުޒާހަރާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސްކޫލްތަކުގެ ޓީޗަރުން ވެސް މަގުތަކަށް ނުކުމެ މުޒާހަރާ ތަކުގައި ބައިވެރިވަމުން އަންނާތީ ކަންބޮޑުވާ ކަމަށް ވެސް ރައީސް ޑިލްމާ ވިދާޅުވިއެވެ.
"ޓީޗަރުން މަގުމައްޗަށް ނުކުމެ މުބާރާތާ ދެކޮޅަށް މުޖާހަރާ ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން. ޓީޗަރުން މުޒާހަރާ އެކުރަނީ ކޮންމެ ހެން ވޯލްޑް ކަޕް ބާއްވާތީއެއް ނޫން. އެމީހުން މުޒާހަރާ އެކުރަނީ މުސާރަ ބޮޑުކޮށްދިނުމަށް އެދި." ރައީސް ޑިލްމާ ވިދާޅުވި އެވެވެ.
ރައީސާ ޑިލްމާ ދާދި ފަހުން ފީފާގެ ރައީސް ސެޕް ބްލެޓާއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ، މުބާރާތް ފެށުމުން މަސްރަހު ހަމަޖެހޭނެ ކަމަށާއި މިހާރު ވެސް މަސްރަހު ހަމައަކަށް އެޅުވުމަށް ބްރެޒިލްގެ ސަލާމަތީ ބާރުތަކުން ރެއާދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ކާމިޔާބު ކަމާއެކު ބޭއްވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ބްލެޓާގެ އަރިހުގައި ރައީސާ ޑިލްމާ ވަނީ ވިދާޅުވެފައެވެ.
ސައޮ ޕޯލޯ އާއި ރިއޯ ޑި ޖެނެއިރޯގެ މަގުތަކަށް އެތައް ހާސް ބަޔަކު އިއްޔެ އާއި މިއަދު ވެސް ނުކުމެ އެ ގައުމުގައި ވޯލްޑް ކަޕް ބޭއްވުމަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަމުން ދާއިރު، ރަޔަޓް ފުލުހުން ނުކުމެ މުޒާހަރާގެ ބައިވެރިން ފައްސާލުމަށް ކަރުނަ ގޭސް ބޭނުން ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
ބްރެޒިލްގައި މުޒާހަރާ ކުރާ މީހުންގެ ޝަކުވާ އަކީ އެގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އިޖުތިމާއީ ޚިދުމަތްތަކަށްވުރެ ބޮޑަށް ކުޅިވަރަށް ހޭދަކުރާ ކަމަށް ބުނެ ކުރާ މުޒާހަރާތަކެއް ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.