ވޯލްޑް ކަޕުގައި ވާދަކުރާ ޖަޕާނުގެ ޑިފެންސާ މެދު ކަންބޮޑުވާ ކަމުގައި އެ ޓީމުގެ މިޑްފީޑަރު ކެއިސޫކޭ ހޮންޑާ ބުނެފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޒެމްބިއާއާ ދެކޮޅަށް އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗުން ޖަޕާނު މޮޅުވީ 4-3 ލަނޑުގެ ހަނި ތަފާތަކުންނެވެ. ޖަޕާނު ކޮޅަށް ޒެމްބިއާ އިން ދެ ލަނޑު ޖަހައި ކުރި ހޯދުމުން، ޖަޕާނަށް މޮޅުވާން ޖެހުނީ ފަހަތުން އަރައި ކުރި ހޯދައިގެންނެވެ.

ޒެމްބިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޖަޕާނަށް ލިބުނު ދެ ޕެނަލްޓީން ހޮންޑާ ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ މިޑްފީލްޑަރު ޝިންޖީ ކަގާވާ ވެސް ޖަޕާނަށް ލަނޑެއް ކާމިޔާބުކޮށްދީފައިވެ އެވެ. މެޗުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޖަޕާނުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޔޮޝީޓޯ އޮކޫބޫ އެވެ.

"ކޮސްޓަރިކާއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްފަދައިން ޒެމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެމީހުންނަށް ފުރަތަމަ ލަނޑު ޖަހަން އަހަރެމެންނަށް ފުރުސަތު ދެވުނު. އެއީ އަހަރެމެން ވިސްނައި ފިކުރު ކުރަންޖެހޭ ބޮޑު މައްސަލައެއް،" ޒެބިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ހޮންޑާ ބުންޏެވެ. "މެޗުގެ ތެރޭގައި އަހަރެމެންނަށް ޒެމްބިއާ އަށް ކޮންޓްރޯލް ހޯދުމަށް ފުރުސަތުތަކެއް ދެވުނު. މި މައްސަލަތައް ބަލައި ހައްލުކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ،"

ވޯލްޑް ކަޕުގެ ގްރޫޕް ސީގައި ޖަޕާނު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ދުވަހު ހެނދުނު 7:00ގައި ނުކުންނަން ޖެހޭނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ. ޖަޕާނާއި އައިވަރީ ކޯސްޓްގެ އިތުރުން ދެން މި ގްރޫޕުގައި ހިމެނެނީ ކޮލަމްބިއާ އަދި ގްރީސް އެވެ.