07 Jun 2014, 16:02
އަންނަ ބުރާސްފަތި ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އާޖެންޓީނާގެ ސަޕޯޓަރުން ގެންގުޅޭ ކުއްތާތަކުގައި އެ ގައުމުގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީގެ ޖާޒީ ލައްވަން ފަށައިފި އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ބައެއް ގައުމުތަކުން ވިސްނާ ގޮތުގައި ކުއްތާއެއް ޖާޒީ ލައްވައިފި ނަމަ އެއީ ދިމާކުރުމުގެ ގޮތުން ކުރާކަމެއްގެ ގޮތުގައި ދެކިފައިވެ އެވެ.
އާޖެންޓީނާގެ ސަޕޯޓަރުން ގެންގުޅޭ ކުއްތާތައް ލައްވާ ޖާޒީތައް ވިއްކުމަށް މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ބްރެޒިލް އާއި އާޖެންޓީނާގައި މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. އެގޮތުން ކުއްތާތަކަށް ހާއްސަކޮށް ޖާޒީ ވިއްކާ ފަރާތެއް ކަމަށްވާ ކެރެން ރީޗްހާޓް ބުނެފައި ވަނީ، ޖާޒީގެ އިތުރުން ކުއްތާތަކަށް ހާއްސަކޮށް ތޮއްޕާއި ބޭންޑުތަކާއި ސްކާޓްތަކާއި ކުޅޭ ސާމާނު އަދި ސްކާފް ލިބެން ހުންނާނެ ކަމަށާއި އެ އަގުތަކަކީ ހަތް ޑޮލަރާއި 30 ޑޮލަރުގެ މަގުން ކަމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ވާދަކުރަނީ ގްރޫޕް އެފް ގައެވެ. އާޖެންޓީނާގެ އިތުރުން އެ ގްރޫޮޕްގައި ހިމެނޭ ޓީމްތަކަކީ އިރާން، ބޮސްނިއާ، ނައިޖީރިއާ އެވެ. އަދި މުބާރަތުގެ ފުރަތަމަ މެޗުގައި މިމަހުގެ 15 ވަނަ ދުވަހު އާޖެންޓީނާ ނުކުންނާނީ ބޮސްނިއާއާ ދެކޮޅަށެވެ.
ފުޓްބޯޅައިގެ ގިނަ މާހިރުން ދެކޭ ގޮތުގައި ގްރޫޕް އެފްގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަ ކޮސްލެވޭ އާޖެންޓީނާ އަކީ ފުޓްބޯޅައިގެ ބޮޑު ބާރެކެވެ. ވޯލްޑް ކަޕްގެ އިތުރުން އާޖެންޓީނާ ފާހަގަ ކޮސްލެވެނީ ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގަ އެވެ. އެގޮތުން އާޖެންޓީނާ ވަނީ 14 ފަހަރު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފަ އެވެ.