07 Jun 2014, 15:55
ދިރާސާ އަދި މަދަނީ އުކުޅުތައް ބޭނުން ކޮށްގެން ޑިމޮކްރަސީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ސެންޓާ އޮން ނޮން ވަޔަލަންޓް ކޮންފްލިކްޓް (އައިސީއެންސީ)ދޭ އެވޯޑެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ އަށް ލިބިވަޑައިގެންފި އެވެ.
ވެލެޒިނީ ވިދާޅުވީ އެއީ އޭނާ ކުރައްވާފައިވާ މަސައްކަތަކަށް ދިން އެވޯޑެއް ނޫން ކަމަށާއި އެއީ ފޮތެއް ލިޔުމަށްޓަކައި ހުށަހެޅުއްވި ޕްރޮޕޯސަލްއަކަށް ދިން އެވޯޑެއް ކަމަށެވެ.
"މި ސެޕްޓެމްބަރު މަހު އެއްކޮށް ފޮތް ނިމޭނެ. އެވޯޑްގެ ދަށުން އެބޭފުޅުން ޕަބްލިޝް ކޮށްދޭނެ އަޅުގަނޑުގެ ފޮތް،" ވެލެޒިނީ ވިދާޅުވި އެވެ.
ވެލެޒިނީ ފޮތް ލިޔުއްވަނީ ދިވެހިރާއްޖެ ހުދުމުހްތާރު ވެރިކަމަކުން ޑިމޮކްރަސީ އަށް ބަދަލުވި ގޮތް އަދި ޑިމޮކްރަސީއަކުން އަނެއްކާ ހުދުމުހްތާރު ވެރިކަމަކަށް ބަދަލުވި ގޮތުގެ މައްޗަށް ކަމަށް އައިސީއެންސީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. ޑިމޮކްރަސީއަކަށް ބަދަލުވުމަށް ފަހު އެ ނިޒާމު ހަރުދަނާ ކުރުމަށް ދިވެހިރާއްޖެ ނުކެޅުދުނު ވާހަކަ އާއި ފެބްރުއަރީ ހަތެއްގެ ވާހަކަ އަދި މިދިޔަ ރިޔާސީ އިންތިހާބުގެ ވާހަކަ އެ ފޮތުގައި ހިމެނޭނެ ކަމަށްވެ އެވެ.
ވެލެޒިނީއާ އެކު އިތުރު ތިން މީހަކަށް އައިސީއެންސީގެ ރިސާޗް މޮނޮގްރާފް އެވޯޑް ލިބިފައިވެ އެވެ.