ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭސީސީ އެލީޓް ކުރިކެޓް މުބާރާތުގައި ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުން ކުޅުނު ފުރަތަމަ މެޗް ބޫޓާނާ ވާދަކޮށް ތިން ވިކެޓުން ކާމިޔާބުކޮށްފި އެވެ.

މިއަދު ކުޅުނު އެ މެޗުގައި ޓޮސް ލިބުމުން ބޫޓާން ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 47 އޯވަރުގެ ތެރޭގައި ހެދިފައިވަނީ 109 ލަނޑެވެ. އަދި މިއަދު މެޗު ފެށުމުގެ ކުރިން ވިއްސާރަވުމުން މެޗް 47 އޯވަރަށް ވަނީ ބަދަލުކޮށްފައެވެ.

ފުރަތަމަ އިނިންގްސްގައި ރާއްޖޭގެ ޓީމުން ބެޓްކުރަން ފެށިތަނާ ހަ ވަނަ އޯވަރުގައި ވިއްސާރަވެގެން މެޗު ހުއްޓާލި އިރު ވަނީ 36 ލަނޑަށް އެއްވިކެޓް ގޮސްފައެވެ. ވިއްސާރައިގެ ފަހުން އަމްޕަޔަރުން ނިންމީ ރާއްޖެ މޮޅުވުމަށްޓަކައި 39 އޯވަރުގެ ތެރޭގައި 101 ލަނޑުހެދުމަށެވެ. ރާއްޖޭގެ ޓީމް ލަނޑު ހަމަކުރީ 27 ވަނަ އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެންނެވެ.

މިއަދުގެ މެޗުގައި އެންމެ ރަގަޅަށް ކުޅުނީ 36 ލަނޑު ހެދި އަހްމަދު ހަސަންއާއި 17 ލަނޑުހެދި އަބްދުﷲ ޝާހިދުއެވެ.

ރާއްޖޭ ޓީމުގެ އުކުމަށް ބަލާއިރު މިހުސާން ހާމިދު ނުވަ އޯވަރު 15 ލަނޑަށް ތިން ވިކެޓް، މުހަންމަދު މަހަފޫޒު 10 އޯވަރު 31 ލަނޑަށް ދެ ވިކެޓް، އަހުމަދު އުމަރު ހަތަރު އޯވަރު 10 ލަނޑަށް ދެވިކެޓް ނެގިއެވެ.

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހްމަދު ހަސަން އެވެ. މީގެ އިތުރުން މިއަދު ސިންގަޕޫރާއި ސައުދިީ ބައްދަލުކުރި މެޗު، ސައުދީން ކާމިޔާބުކުރީ ތިން ވިކެޓުންނެވެ. ބަހްރޭންއާއި ބައްދަލުކޮށް ކުވެއިތު މޮޅުވީ، ހަތަރު ވިކެޓުންއެވެ.

މުބާރާތުގައި ރާއްޖެ ކުލޭ ދެ ވަނަ މެޗުގައި މާދަމާ ނުކުންނާނީ ބަހްރޭނާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނުކުންނާނީ ކުވެއިތާ ދެކޮޅަށެވެ. އަދި ބުދަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި ހުކުރު ދުވަހު ރާއްޖެ ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.