ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓްގެ ތަރި ޔާޔާ ޓޫރޭ ކުރިމަތިލަމުންދާ އަނިޔާއާ ގުޅިގެން މުބާރާތުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ބައިވެރިވެވޭނެ ކަމުގެ އުންމީދު ކުޑަވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ މިޑްފީލްޑަރަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު އެންމެ ފަހު މެޗުގަ އެވެ. ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ޓޫރޭގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ.

ގަތަރުގައި ހުންނަ އަސްޕާ ސްޕޯޓްސް ގްރޮއިން ޕެއިން ސެންޓާ އިން ހަފްތާއަކަށް ވުރެ ދިގު މުއްދަތަށް ފަރުވާ ހޯދުމަށް ފަހު، ޔާޔާ ޓޫރޭ ވަނީ އައިވަރީ ކޯސްޓް ޓީމާ މިހާރު ގުޅިފަ އެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އައިވަރީ ކޯސްޓުން ބޮސްނިއާ-ހެރްޒެގޮވީނާ އަދި ސަލްވަޑޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ޓޫރޭ ބައިވެރިވެފައެއް ނުވެ އެވެ.

"އޭނާ ސީޒަން ނިންމާލީ އުނދަގުލަކާ އެކު،" އައިވަރީ ކޯސްޓްގެ ކޯޗު ސަބްރީ ލަމޫޗީ ބުންޏެވެ. "އަދި ޓޫރޭ ފުރަިހަމަ އަށް ޓްރެއިނިންގްގައި ބައިވެރިއެއް ނުވޭ. މިހާރު އޭނާ ދަނީ އަނިޔާ އިން ރަނގަޅުވަމުން. އަހަރެމެން ކުޅޭ ފުރަތަމަ މެޗަށް އޭނާ ފިޓްކުރެވޭތޯ އެބަ ވަރަށް މަސައްކަތްކުރަން. ޓޫރޭ އެ މެޗުގައި ފެނި ވެސް ދާނެ. ނުވަތަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވެސް ފެނިދާނެ،"

ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ވަނަ ދުވަހުގެ ހެނދުނު 7:00ގައި ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. ޖަޕާނުގެ އިތުރުން އައިވަރީ ކޯސްޓް ހިމެނޭ ގްރޫޕް ސީގައި ދެން އޮތީ ކޮލަމްބިއާ އަދި ގްރީސް އެވެ.