07 Jun 2014, 15:07
އަތޮޅުތެރޭ ފުޓްބޯޅަ މުބާރާތް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބޭއްވުމަށް އަތޮޅުތަކުގެ ކައުންސިލްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ، އަތޮޅު ކައުންސިލްތަކާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު މިހާރު ވަނީ ހުރިހާ އަތޮޅު ކައުންސިލްތަކަށް ފޮނުވާފައި ކަމަށާއި އެ ބައްދަލުވުމުގައި ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލް ތަކުން ބައިވެރި ވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެފްއޭއެމުން ބުންޏެވެ.
" އަޅުގަނޑުމެން ވަރަށް އިސްކަމެއް ދޭ ކަމެއް އަތޮޅުތެރޭގައި ފުޓްބޯޅަ ތަރައްގީ ކުރުމަކީ. މި ބައްދަލުވުމުގެ ބޭނުމަކީ އަތޮޅު ކައުންސިލްތަކުގެ ޚިޔާލާއި މަޝްވަރާ ވީ އެންމެ ފުޅާ ދާއިރާއެއްގައި ހިމަނައިގެން އެފްއޭއެމާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން މި މުބާރާތް ކުރިޔަށް ގެންދެވިދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުން،" އެފްއޭއެމްގެ ޑިރެކްޓާ އެޓޯލްސް ފުޓްބޯލް އަހުމަދު މުޖުތަބާ (ފެސްކޯ) ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ތަޖްރިބާކާރުން ދެކޭ ގޮތުގައި ރާއްޖޭގައި ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް ކުރި އަރުވަން ބޭނުން ނަމަ، މާލޭގައި ލިބިދޭ ފަދަ ފުރުސަތުތަކެއް އަތޮޅުތެރޭގައި ވެސް ގާއިމް ވުމަކީ މުހިއްމު ކަމެކެވެ.