ށ. ފަރުކޮޅު ގައި އެއާޕޯޓެއް ހެދުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އަރާމް ޓްރެވަލްސް އިން ހެދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލައިނުގެން ރިޖެކްޓް ކޮށްފި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު އީއައިއޭ ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނީ އީއައިއޭ ރިޖެކްޓް ކޮށްފަ. އެކަަމަކު އަދި ވެސް އެ ނިންމުން އެޕީލް ކުރުމުގެ ފުރުސަތު އޮންނާނެ،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ފަރުކޮޅު ގައި އެއާޕޯޓް ތަރައްގީ ކުރަން ނުފެށުމަށް އީޕީއޭ އިން އެންގި ކަމަށް އޭނާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އެގޮތަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"އެއާޕޯޓް ތަރައްގީ ނުކުރަން އަޅުގަނޑުމެން އަންގާފައެއް ނޯންނާނެ. އެއްވެސް އެންގުމެއް އަޅުގަނޑުމެން އަންގާފައެއް ނޯންނާނެ،" ނައީމް ވިދާޅުވި އެވެ.

ފަރުކޮޅު ގައި އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރާއި އަރާމް ޓްރެވަލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ޖޫން، 25، 2013 ގަ އެވެ.

ފަރުކޮޅަކީ އެކި ވައްތަރުގެ މަޑި އަދި ކަނޑުގައި ދިރިއުޅޭ ގިނަ ބާވަތްތަކެއް މަސް ކެއުމަށްޓަކައި އެއްވާ ސަރަހައްދެކެވެ.