"ޕޯލް ދި އޮކްޓޮޕަސް" ގެ މަތީން ހަނދާން އެބަހުރި ހެއްޔެވެ؟ ވޯރލްޑް ކަޕް 2010 ގެ ތެރޭގައި، މުބާރާތުގެ ތަރިންނާ އެއްވަރަށް ޕޯލް ވެސް މަޝްހޫރު ވިއެވެ. ވޯރލްޑް ކަޕް 2010 ގެ 8 މެޗެއްގެ ނަތީޖާ ޕޯލް "ލަފާ ކުރި" އިރު، އެ ސޮރުގެ ހުރިހާ ނިމުތުތަކެއް ވެސް ދިމާ ވިއެވެ. ހަމަ އެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ހުރިހާ މެޗެއްގެ ނަތީޖާ ނުކުތީ، ސިންގަޕޯރުގެ "މާނީ ދަ ޕެރޮޓް" ގެ ނިމުތުތަކާ އެއްގޮތަށެވެ. މި ފަހަރުގެ މުބާރާތާ ގުޅިގެން ވެސް މި ކަހަލަ އާދަޔާ ޚިލާފު ނިމުތުވާރެއް އިސާހިތަކު މަތި ވުމަކީ ނުވާނެ ކަމެކޭ ނުބުނެވޭނެއެވެ. ބޯވަޔެއް، ގުރައެއް މަތި ނުވިޔަސް، ނަސީބު ބަލާ މީހުންނާއި ތަރިތަކަށް ބަލައިގެން ރަމަލު ޖަހައި އަކަ ކުރަހާ މީހުންގެ ފަރާތުން، ވޯރލްޑް ކަޕް ކާމިޔާބު ކުރާނޭ ޓީމަކާ މެދު ނިމުތުތައް އިވޭނޭ ކަން ގާތްނގަޑަކަށް ޔަގީނެވެ.

ނަމަވެސް މި ފަހަރު މި އުޅެނީ ނިމުތުވާރުންނާއި، އެމީހުންގެ ލަފާ ކުރުންތަކުގެ ވާހަކަ ދައްކާކަށެއް ނޫނެވެ. އެ ބާވަތުގެ ވާހަކަތައް އެއްފަރާތް ކޮށްފައި، ޓީމުތަކުގެ ކުޅުންތެރީންނާއި، ކުޅުމުގެ ފެންވަރާއި، ފަހަކަށް އައިސް ނެރެފައި ވާ ނަތީޖާތަކާއި، މުބާރާތް ބާއްވާ ތަނުގެ ސަބަބުން އެކިއެކި ޓީމުތަކަށް ލިބޭނެ އެޑްވާންޓޭޖުތަކާއި ޑިސްއެޑްވާންޓޭޖުތައް ފަދަ ބަހާތަކަށް ބަލައިގެން، މުބާރާތުގެ ތަށި ކާމިޔާބު ކޮށްފާނެ ކަމަށް ބެލެވޭ ޓީމުތަކާ މެދު ތަހުލީލީ ނަޒަރަކުން ވިސްނައިލަމާ ހިނގާށެވެ!

ނަމަވެސް އެއަށްވުރެ ކުރީން އެހެން ނުކުތާއެއްފާހަގަ ކޮށްލާނަމެވެ.
އެންމެ މޮޅު ޓީމަށް މެޗު ނުވަތަ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް ގަރަންޓީއެއް ފުޓުބޯޅައިގައެއް ނޯވެއެވެ. އެންމެ މޮޅު ޓީމަށް ކާމިޔާބީގެ ފަހު މަންޒިލާ ހަމަޔަށް ނުދެވިދާނެ ކިތަންމެ ސަބަބެއް ދިމާ ވެދާނެއެވެ. ޚުތޫރަތްތެރި ދަނޑިވަޅެއްގައި ކުޅުންތެރިޔަކަށް ހެދޭ ހަމަ އެއްމެ ގޯހެކެވެ. ނަސީބުގެ ހިނިތުންވުން އިދިކޮޅު ޓީމަށް އަމާޒު ކޮށްލެވޭ އެކިދެތިން ސިކުންތެވެ. ރެފްރީއަށް ނިންމޭ ގޯސް ހަމަ އެއްމެ ނިންމުމެކެވެ. އެންމެ މޮޅު ޓީމަށް އަބަދުވެސް ޗެމްޕިއަންކަން ލިބޭނެ ނަމަ، 1950 ވަނަ އަހަރާއި 1966 ވަނަ އަހަރާއި 1998 ވަނަ އަހަރު، ގަދަފަދަ ބްރެޒިލަށް ވޯރލްޑް ކަޕް ތަށި ކަށަވަރު ވީހެވެ. 1938 ވަނަ އަހަރާއި 2006 ވަނަ އަހަރު، ދުނިޔޭގެ ތަށި އިޓަލީއަކަށް ނުލިބުނީހެވެ. 1974 ވަނަ އަހަރު، މަޝްހޫރު ހޮލެންޑަށް ތަށި ލިބުނީހެވެ.
ކޮންމެއަކަސް، ދެން އަހަރެމެންގެ ލިސްޓާއިގެ ކުރިޔަށް ދަމާ ހިނގާށެވެ!

ޖަރުމަން
އޮންލައިން ޚިޔާލު ހޯދުމުގެ ވޯޓުތަކާއި، ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ ތަހުލީލީ ވާހަކަތަކަށް ބަލައިލުމުން، ބްރެޒިލް 2014 ކާމިޔާބު ކުރުން އެންމެ ގާތް ޓީމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، މީގެ ކުރީން ހުޅަނގު ޖަރުމަނުގެ ގޮތުގައި މުބާރާތް ކުޅެ 3 ފަހަރު ތަށި ހޯދައިފައި ވާ ޖަރުމަނެވެ.

ދިފާއަށް ބެލިޔަސް، މެދުތެރެއަށް ބެލިޔަސް، އަދި ކުރިޔަށް ކުޅޭ ކުޅުންތެރީންނަށް ބެލިޔަސް، ޖަރުމަނުގައި ތިބީ ޒުވާން، ހުނަރުވެރި، ވަރުގަދަ ކުޅުންތެރީންނާއި، ތަޖުރިބާ ހުރި ކުޅުންތެރީންނެވެ. ޖަރުމަނު ޓީމުގެ އެއްވެސް މަގާމެއްގައި "ވީކް ލިންކެއް" ނެތެވެ. ޖަރުމަނަށް ވުރެ ހަލުވިކޮށް ކުރި އަރައި، ކައުންޓަރ އެޓޭކް ކޮށް، އިދިކޮޅު ޓީމުތައް ހާވައިލާނެ އެހެން ޓީމެއް ނެތް ކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން، ޖަރުމަނަކީ ވޯރލްޑް ކަޕުގައި ޝަރަފުވެރި، ރަން ތާރީޚެއް އޮތް ޓީމެކެވެ. މިހައިތަނަށް ޖަރުމަނު ކުޅުނު 16 ވޯރލްޑް ކަޕުގެ ތެރެއިން، 7 މުބާރާތުގެ ފައިނަލުގައި އެ ޓީމު ކުޅެފައި ވެއެވެ. އިތުރު 4 މުބާރާތުގެ ތިންވަނަ މަގާމު ހޯދައިފައި ވެއެވެ. ސެމީ ފައިނަލަށް ނުގޮސް ޖަރުމަނު ކެޓީ އެންމެ 4 މުބާރާތުގައެވެ. ވޯރލްޑް ކަޕުގައި ކުޅުނު މެޗުތަކުގެ އަދަދާއި، މޮޅު ވި މެޗުތަކުގެ އަދަދާއި، ފައިދާ ގޯލު ފަދަ ހިސާބުތަކަށް ބަލައިގެން އެންމެ ކާމިޔާބު ޓީމުތައް ރޭންކް ކުރާ އިރު، ދެވަނަ މަގާމު ހޯދާ ޓީމަކީ ޖަރުމަނެވެ. އެހެންކަމުން، ވޯރލްޑް ކަޕުގައި ޖަރުމަނާ ކުޅޭން ޖެހުމުން މޭ ބޮޑު ނުވާ އެއްވެސް ޓީމެއް ނޯންނާނެއެވެ.

މުބާރާތުގެ ތަށްޓާ ހަމަޔަށް ދަތުރު ކުރުމުގައި ޖަރުމަނަށް ދިމާ ވާނެ އެންމެ ބޮޑު އެއް މައްސަލަ އަކީ، އެ ޓީމު ކުޅޭ ސްޓައިލުގެ ސަބަބުން ބައިކޮޅަށް ވަންނާން ނުޖެހޭ ލަނޑުތަކެއް ވަނުމުގެ ސަބަބުން ދިމާ ވެދާނެ މައްސަލައެކެވެ. 36 ލަނޑާ އެކު، މި ފަހަރުގެ ވޯރލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގައި ޔޫރަޕުގައި އެންމެ ގިނަ ލަނޑު ޖެހީ ޖަރުމަނު ޓީމު ކަމަށް ވިޔަސް، ޔޫރަޕުގެ ކޮލިފައިން ކެމްޕޭނުގައި ބައިކޮޅަށް ވަން ލަނޑުގެ ރިކޯޑުން ޖަރުމަނަށް ލިބެނީ 18 ވަނައެވެ. ކޮލިފައިން ބުރުގައި، ބާރލިންގައި ކުޅުނު މެޗުގައި ޖަރުމަނު 4 ލަނޑު ޖަހައިފައި ވަނިކޮށް، ސްވިޑްން ފަހަތުން އަރައި 4 ލަނޑު ޖަހައި އެއްވަރު ކުރި މެޗަކީ މިގޮތުން ފާހަގަ ކޮށްލެވޭ މެޗެކެވެ. ދިފާއުގެ މި މައްސަލައަށް އެކަށޭނަ ހައްލެއް ހޯދައިގެން ކުޅެފި ނަމަ، ޖަރުމަނަށް ތަށި ލިބުމުގެ ފުރުސަތު ބޮޑެވެ.

ބްރެޒިލް
ވޯރލްޑް ކަޕާ އެކު އެ ޓީމެއްގެ ވާހަކަ އެންމެ ބޮޑަށް ދެކެވޭ ޓީމަކީ ބްރެޒިލުގެ ޓީމެވެ. ކޮންމެ ވޯރލްޑް ކަޕެއްގައި ވެސް "ސެލެކާއޯ" ހިމެނެނީ ފޭވަރިޓުންގެ ތެރޭގައެވެ. ހުނަރާއި، ސްޓައިލާއި، ކުރު އަދި އަވަސް ޕާސްތަކާ އެކު ބޯޅަ ގެންގުޅެގެން ކުޅޭ ސާމްބާ ފުޓުބޯޅައާ އެކު، ބްރެޒިލް ވަނީ ދުނިޔޭގެ ފުޓުބޯޅައަށް ލޯބި ކުރާ އެތައް މިލިއަން ބައެއްގެ ހިތްތައް ފަތަޙަ ކޮށްފައެވެ. 5 ފަހަރު ވޯރލްޑް ކަޕުގެ ތަށި ހޯދައިގެން ރެކޯޑެއް ގާއިމު ކޮށްފައި ވާ ބްރެޒިލަކީ، ވޯރލްޑް ކަޕުގެ ތާރީޚުގައި ކުޅުނު މެޗުތަކާއި، ކާމިޔާބު ކުރި މެޗުތަކާއި، ޖެހި ގޯލާއި، ބައިކޮޅަށް ވަތް ގޯލުގެ އަދަދު ފަދަ ތަފާސްހިސާބުތަކަށް ބަލާ އިރު ވެސް، ވޯރލްޑް ކަޕުގެ އެއްވަނަ ޓީމެވެ. ވީމާ، މި ފަހަރު އަމިއްލަ ގައުމުގައި ކުޅޭ އިރު، ބްރެޒިލް ތަށި ހޯދާނެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ.

ފަހަކަށް އައިސް ބްރެޒިލުގެ ޤައުމީ ޓީމަށް، ކުރީން ދުވަހަކު ވެސް ކުރިމަތި ނުވާ ފަދަ ބަލިކަށިކަމެއް ކުރިމަތި ވިއެވެ. ބްރެޒިލްގެ ސާމްބާ ފުޓުބޯޅަ ހަލާކު ވެ، ޔޫރަޕުގެ ގިނަ ޓީމުތައް ކުޅޭ ފަދަ "ގަދަބަދަވި، ކުޅުންތެރީންގެ ގައިބާރާއި، ބާރު ދުވެއްޔާއި، ވަރުގަދަ ބޯޅަތައް ޖެހުމުގެ" ފުޓުބޯޅައެއް ބްރެޒިލް ވެސް ކުޅޭ ކަމަށް ވާހަކަ ދެކެވުނެވެ. ދުނިޔޭގެ ޤައުމީ ފުޓުބޯޅަ ޓީމުތައް ރޭންކް ކުރާ ފީފާގެ ރޭންކިންގގައި އެންމެ ގިނަ ފަހަރު އެއްވަނަ ހޯދައިފައި ވާ ބްރެޒިލް ވަނީ، 2013 ވަނަ އަހަރުގެ ތެރޭގައި ރޭންކިންގގެ 22 ވަނަޔަށް ސޮއްސައިލައިފައެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، ލަންޑަނުގައި ކުޅެ އިނގިރޭސީން އަތުން 2 ލަނޑުން ބަލި ވި ފަހުން، ބްރެޒިލްގެ ރެކޯޑު ރަނގަޅެވެ. އޭގެ ފަހުން ބްރެޒިލް ކުޅުނު 19 މެޗުގެ ތެރެއިން 14 މެޗު ކާމިޔާބު ކުރިއެވެ. 4 މެޗު އެއްވަރު ވީ އިރު، ބްރެޒިލް ބަލި ވީ އެންމެ މެޗަކުންނެވެ. މި މުއްދަތުގެ ތެރޭގައި، ބްރެޒިލް ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އެ މުބާރާތުގެ ފައިނަލް މެޗުގައި ބްރެޒިލް މޮޅު ވީ ގަދަފަދަ ސްޕޭން އަތުން، 3 ލަނޑު 0 ލަނޑުންނެވެ. މި ނަތީޖާތަކާ އެކު، ފީފާ ރޭންކިންގގައި ވެސް ބްރެޒިލް ވަނީ 6 ވަނަޔަށް އަރައިފައެވެ. އަދި މި އާޓިކަލް ޝާއިއު ކުރާ އިރު ބްރެޒިލް މި ވަނީ ފީފާ ރޭންކިންގެ ތިން ވަނަ އަށް އަރައިފަ އެވެ.

ނޭމާރ ފަދަ ކުޅުންތެރީންގެ މޮޅު ކުޅުމާއި، ކޯޗު ލުއިޒް ފެލިޕޭ ސްކޮލާރީގެ މޮޅު ރޭވުންތެރިކަމުގެ ފަހަތަށް، އަމިއްލަ ގައުމުގެ ވައިފެނުގެ އަސަރާއި އަމިއްލަ ސަޕޯޓަރުންގެ ހިފެހެއްޓުމެއް ނެތް ތާއީދުގެ ރާޅުތައް އެކުވުމުން، ބްރެޒިލަކީ އެއްވެސް ބަޔަކަށް ނުހުއްޓުވޭނޭ ފަދަ ބާރަކަށް މި ފަހަރު ވުން ދުރެއް ނޫނެވެ.

ސްޕޭން
2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމަޔަށް، ދުނިޔޭގެ ފުޓުބޯޅައިގެ އޮޅުމެއް ނެތް ބޮޑުބާރަކީ ސްޕޭނެވެ. ފަހަކަށް އައިސް އެންމެ ރީތި، އެންމެ ހުނަރުވެރި، އެންމެ ބަލާ ހިތްވާ ޒާތުގެ ކުޅުމެއް ދެއްކި ފުޓުބޯޅަ ޓީމަކީ ވެސް ސްޕޭން ކަމަށް ބުނުމަކީ މަޝްހޫރު ބްރެޒިލަށް ރައްދު ކުރެވޭ ކުޑައިމިސް ބަހަކަށެއް ނުވާނެއެވެ. ސްޕޭނުގެ މޮޅު ކުޅުމާއި، އެ ޓީމުގައި ހިމެނޭ ހުނަރުވެރި އަދި ތަޖުރިބާކާރު ކުޅުންތެރީންގެ ފެންވަރަށް ބަލާ އިރު، ސްޕޭނަކީ ވޯރލްޑް ކަޕްގެ ތަށި ހޯދޭ ފެންވަރުގެ ޓީމެކެވެ.

ސްޕޭނުގެ ކިރިޔާވެސް ބަލި ޑިޕާޓްމަންޓަކީ ސްޓްރައިކަރުންގެ ޑިޕާޓްމަންޓެވެ. ފެނާންޑޯ ޓޮރޭސް އާއި ޑޭވިޑް ވިޔާގެ ރަންޒަމާން އޮއްސިފައި ވާ އިރު، އަލްވާރޯ ނެގްރެޑޯ އާއި ޑިއެގޯ ކޯސްޓާ އާއި ޕެޑްރޯ އަކީ ދުނިޔޭގެ އެންމެ ކުޅަދާނަ ފޯވާޑުންގެ ލިސްޓަށް އަރާ ކުޅުންތެރީން ކަމާ މެދު ޚިޔާލު ތަފާތު ވާ ވަރަށް ގިނަ މީހުން ތިބޭނެއެވެ.

ފަހަކަށް އައިސް ސްޕޭނުގެ މެޗުތަކުގެ ރިކޯޑަށް ބެލިޔަސް، ލަނޑު ޖެހުމުގައި އެ ޓީމަށް މައްސަލަތަކެއް ދިމާ ވާ ކަން ފާހަގަ ކުރެވެއެވެ. މި މައްސަލައަކީ ހަގީގަތުގައި ސްޕޭނުގެ އެންމެ ރަން އަހަރުތަކުގައި ވެސް ކުރިމަތި ވި މައްސަލައެކެވެ. ވޯރލްޑް ކަޕް2010 ގެ ތަށި ސްޕޭނަށް ލިބުނީ ވެސް ހޮލެންޑް ކޮޅަށް، މިޑްފީލްޑަރ އިނިއެސްޓާ ޖަހައިދިން ލަނޑުންނެވެ. ސްޕޭން އެ މުބާރާތް ކާމިޔާބު ކުރި އިރު، ޖެހި 8 ލަނޑަކީ މިހައިތަނަށް، ވޯރލްޑް ކަޕެއް ކާމިޔާބު ކުރި ޓީމު، މުބާރާތުގައި ލަނޑު ޖެހި އެންމެ މަދު އަދަދެވެ. މި ފަހަރުގެ ވޯރލްޑް ކަޕް ކޮލިފައިންގެ 8 މެޗުން ސްޕޭނަށް ޖެހުނީ އެންމެ 14 ލަނޑެވެ. ޔުއެފާ ޒޯނުގައި، މިއީ ކޮލިފައިން ކުޅުނު ހުރިހާ ޓީމުތަކެއްގެ ތެރެއިން 25 ވަނައެވެ.

ސްޕޭން ޓީމު ބޯޅަ ހިފަހައްޓާނެއެވެ. މެދުތެރޭގެ ކޮންޓްރޯލް ހޯދާނެއެވެ. ރީތި، ބަލާ ހިތްވާ ޒާތުގެ ކުޅުމެއް ކުޅޭނެއެވެ. އިދިކޮޅު ޓީމުތަކަށް، ސްޕޭނާ ދެކޮޅަށް ކުޅޭކަށް ފަސޭހައެއް ނުވާނެއެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، އިދިކޮޅު ޓީމުތަކަށް މިހާރު ސްޕޭނުގެ "ޓިކި-ޓާކާ" ފުޓުބޯޅައާ ކުރިމަތި ލާނޭ ގޮތް އެނގެއެވެ. ވީމާ، ޖަރުމަން ނުވަތަ ބްރެޒިލް ނުވަތަ އާރޖެންޓީނާ ފަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، ސްޕޭން ތަށި ހޯދާނެ ކަމަށް ގަބޫލު ކުރާ މީހުންނަށް ވުރެ ގިނައީ، އެއީ މިހާރު ވުން ދުރު ކަމެއް ކަމަށް ބުނާ މީހުންނެވެ.

ކޮންމެ ގޮތެއް ވިޔަސް، މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުން ސްޕޭން ކަޓާނޭ ގޮތެއް ނެތެވެ. ވީމާ، 1962 ވަނަ އަހަރު ބްރެޒިލް ދުނިޔޭގެ ތަށި ދިފާއު ކުރި ފަހުން، ޖެހިޖެހިގެން ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ފުރަތަމަ ޓީމަށް ވުމަށް ސްޕޭނަށް އޮތް ފުރުސަތުގެ ބޭނުން އެ ޓީމަށް ހިފޭތޯ ނުވަތަ ނޫންތޯ ބަލާން ތިބެމާ ހިނގާށެވެ!

އާރޖެންޓީނާ
އާރޖެންޓީނާގެ ފޯވާޑް ލައިނުގައި ކުޅޭނީ ލިއޮނެލް މެސީ އާއި، ސާރޖިއޯ އަގުއޭރޯ އާއި، އެންޖެލް ޑި މަރީއާ އާއި، ކާރލޯސް ޓެވޭޒް އާއި، ގޮންޒާލޯ ހިގުއެއިން، މި ކުޅުންތެރީންނެވެ. މި ހުރިހާ ކުޅުންތެރީން ފޯމުގައި ކުޅެފި ނަމަ، ވޯރލްޑް ކަޕުގައި ދަނޑަށް އަރާ އެހެން އެއްވެސް ޓީމެއްގައި، އެވަރުގެ ކުޅަދާނަ ފޯވާޑް ލައިނެއް ނޯންނާނެއެވެ. އަދި އެ ފޯވާޑް ލައިނަށް ފޫ އަޅުވައިނުލެވޭނޭ އެއްވެސް ދިފާއެއް ވެސް ދަނޑަކަށް ނާރާނެއެވެ. ދެކުނު އެމެރިކާގެ ކޮލިފައިންގައި އޭގެ ހެކި ފެނުނެވެ. ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހީ އާރޖެންޓީނާއެވެ. ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި 6 ކުޅުންތެރީންގެ ތެރޭގައި އާރޖެންޓީނާގެ 3 ކުޅުންތެރީން ހިމެނުނެވެ. އެއީ މެސީ އާއި ހިގުއެއިން އާއި އަގުއޭރޯއެވެ.

އާރޖެންޓީނާގެ ފޯވާރޑް ލައިނުގެ ފުރިހަމަ ޖާދޫ ދައްކައިލެވިއްޖެ ނަމަ، ބްރެޒިލް 2014 ގެ ތަށި އުފުލައިލުން އެންމެ ގާތް އެއް ޓީމަކީ އާރޖެންޓީނާއެވެ. ނަމަވެސް އެކަން ވާނީ ޓީމުގެ މެދުތެރެއިންނާއި ފަހަތުން ވެސް، ފޯވާޑް ލައިނުން ދައްކާ ތޫނުފިލިކަމާ ވަރުން އެޅޭ ފަދަ ކުޅުމެއް ދައްކައިގެންނެވެ. އާރޖެންޓީނާގެ މެދުތެރެއާއި ފަހަތުގައި މިހާރު ތިބި ކުޅުންތެރީންނަކީ، 1990 އިގެ އަހަރުތަކުގެ ތެރޭގައި، އަދި 2000 ގެ ފުރަތަމަ ދަހައިގެ ތެރޭގައި އެ ޓީމުގެ މެދުތެރެއިންނާއި ފަހަތުން ފެނުނު މަޝްހޫރު ތަރީންނާ އަޅާ ބަލާ އިރު، ވިދުވަރު ފަނޑު ކުޅުންތެރީންތަކެކެވެ. ނަމަވެސް އާރޖެންޓީނާ އަކީ ދުވަހަކު ވެސް ބަލި ޓީމެއް ދަނޑަށް ނެރޭ ގައުމެއް ނޫނެވެ.

ވީމާ، ލިއޮނެލް މެސީގެ ލީޑަރޝިޕުން ހިތްވަރު ލިބިގެން، އާދަޔާ ޚިލާފު ކުޅުމެއް ދައްކައި، އާރޖެންޓީނާ ތަށި ކާމިޔާބު ކުރުމަކީ ދުރު ކަމެއް ނޫނެވެ.

ވޯރލްޑް ކަޕުގެ ތާރީޚަށް ބަލައިލާ އިރު، ދެކުނު އަދި މެދުތެރޭ އެމެރިކާގައި އެންމެ ފަހުން ކުޅުނު ދެ ވޯރލްޑް ކަޕް، 1978 ވަނަ އަހަރު އަދި 1986 ވަނަ އަހަރު ކާމިޔާބު ކުރީ އާރޖެންޓީނާއެވެ.

ސަޕްރައިޒް ޓީމު
ބްރެޒިލް 2014 ގެ ސަޕްރައިޒް ޓީމަކީ ކޮބައިތޯ ސުވާލު ކުރެވުމުން، އެންމެ ފުރަތަމަ ވެސް ނަޒަރު ހުއްޓެނީ ބެލްޖިއަމް ޓީމަށެވެ. ބެލްޖިއަމް ޓީމުގައި މިހާރު ތިބި ކުޅުންތެރީން ސިފަ ކުރެވެނީ އެ ގައުމުގެ ފުޓުބޯޅައިގެ "ރަން ޖީލު" ގެ ގޮތުގައެވެ. މާރކް ވިލްމޮޓްސްގެ ކޯޗުކަމުގައި، ބެލްޖިއަމް ހޯދި ކުރިއެރުންތައް އަންގައިދޭ އެންމެ ބޮޑު ހެއްކަކީ، ފީފާ ރޭންކިންގގައި މި ވަގުތު އެ ޓީމު 6 ވަނައިގައި އޮތުމެވެ. ވޯރލްޑް ކަޕް ކޮލިފައިންގައި ބެލްޖިއަމް ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލި ވެފައެއް ނުވެއެވެ. މުޅި ކޮލިފައިން ކެމްޕޭނުގެ ތެރޭގައި، އެ ޓީމުގެ ގޯލަށް ވަނީ އެންމެ ހަތަރު ލަނޑެވެ.

ބެލްޖިއަމުގެ ގޯލުގެ ވާހަކަ ދެކެވުމާ އެކު، އެންމެ ފުރަތަމަ ވެސް ދައްކާން ޖެހޭ ވާހަކައަކީ އެ ޓީމުގެ ޒުވާން ގޯލްކީޕަރު ތިބައުޓް ކޯރޓުވާގެ ވާހަކައެވެ. އުމުރުން އެންމެ 21 އަހަރުގެ މި ކުޅުންތެރިޔާ މިހާރު ވަނީ ޔޫރަޕުގެ ފުޓުބޯޅައިގެ އާ "ސެންސޭޝަނަކަށް" ބަދަލު ވެފައެވެ. އޭނާ ގޯލުގައި ހުރުމަކީ މުޅި ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ. ފަހަރުގައި އޭނާއަށް ނުކުޅެވޭ ގޮތް ވިޔަސް، ދެން ގޯލު ބަލަހައްޓާން އަރާނީ ވެސް ވިދުވަރު ކޯޓުވާއަށް ވުރެ މާބޮޑުތަން ފަނޑު ނޫން ތަރިއެއް ކަމަށް ވާ ސައިމަން މިންއޯލެޓްއެވެ. މިންއޯލެޓަކީ އިނގިރޭސި ކްލަބް ލިވަރޕޫލްގެ ގޯލްކީޕަރެވެ.

މި ދެ ކުޅުންތެރީންގެ ކުރީން، ބެލްޖިއަމުގެ ދިފާއުގައި މެންޗެސްޓަރ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި، އާރސެނަލްގެ ތޯމަސް ވަރމެލިއަން ފަދަ ކުޅުންތެރީން ތިބި އިރު، އެ ޓީމުގެ މެދުތެރޭގައި ތިބީ މިހާރު ޔޫރަޕުގައި އެންމެ މަޝްހޫރު ވަމުން އަންނަ ޒުވާން ހުނަރުވެރީންނެވެ. އެޑިން ހަޒާރޑާއި، އަދްނާން ޔަނޫޒަޖާއި، ކެވިން ޑި ބްރުއިނާއި، ކެވިން މިރާލެސް އާއި، މޫސާ ޑެމްބެލޭގެ އިތުރުން މަރުއާން ފެލައިނީ އޭގެ ތެރޭގައި ހިމެނެއެވެ. ބެލްޖިއަމުގެ ފޯވާޑް ލައިނުގައި އިސްކޮށް ކުޅޭ ރޮމެލޫ ލުކާކޫ އާއި ކްރިސްޓިއަން ބެންޓެކޭ އަކީ ވެސް ހުނަރުވެރި، އިތުބާރު ހުރި ކުޅުންތެރީންނެވެ. މި ކުޅުންތެރީންނާ އެކު، މި ފަހަރުގެ ސަޕްރައިޒް ޓީމަކަށް ބެލްޖިއަމް ވެދާނެއެވެ.