07 Jun 2014, 14:09
އޮސްޓްރޭލިއާގެ ބެލަރަޓް ރެޑް ޑެވިލްސް އަށް ކުޅެމުން އައި ޑޭން މިލޯވަނޯވިޗް ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއި ކޮށްފައިވާކަަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
އޮސްޓްރޭލިއާގެ ދިކޯރިއާ ޑޮޓް ކޮމް ނޫހުގައި ބުނެފައި ވަނީ، އުމުރުން 24 އަހަރުގެ ޑޭން އަކީ އޮސްޓްރޭލިއާގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށާއި 20 އަހަރުން ދަށާއި އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ޑިފެންސިވް މިޑްފީލްޑަރެއް ކަމަށެވެ. އަދި ޑޭން، މީގެ ކުރިން އިންޑޮނޭޝިއާގެ ސުޕަ ލީގު ކްލަބަކަށާއި ހޮންކޮންގުގެ ފުރަތަމަ ޑިވިޝަނުގެ ކްލަބަކަށް ކުޅެފަައި ވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ނިއުގެ ބަހެއް ހޯދާލުމަށް އެކުލަބުގެ ޗެއާމަން އަލިވާހިދު (ބަލަކް) އާއި އެޓީމުގެ ޑިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީއަށް ގުޅާލުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އެޓީމުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މީގެ ކުރިން ސަންއަށް ދިން އިޓަވިއުއެއްގައި އަންވަރު ވިދާޅުވެފައި ވަނީ، މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އާއި ގާނާގެ ޑިފެންޑަރު ޖޮނަތަން ކުއާޓޭ ދޫކޮށްލުމަށް ފަހު، ބިދޭސީ ތިން ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ނިއު އިން ފަށާފައި ވާ ކަމަށެވެ. ނިއުއިން ހޯދަން ނިންމާފައިވާ ކުޅުންތެރިންނަކީ ޑިފެންޑަރަކާއި މިޑްފީލްޑަރަކާއި ފޯވާޑެކެވެ.
ބިދޭސީ ކުޅުންތެރިން ހޯދުމުގެ އިތުރުން ނިއުއިން އަންނަނީ އެކުލަބަށް ކޯޗަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް ނިއުއަށް ގެންނަން ނިންމާފައި ވަނީ ކޮންގައުމެއްގެ ކޯޗެއް ކަމެއް އެކުލަބުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުއިން ކޯޗަކު ހޯދުމުގެ މަސައްކަތް ފަށާފައި މިވަނީ އެ ކްލަބުގެ ކޯޗް ކަމުގެ މަގާމްގައި ހުރި އިނގިރޭސިވިލާތުގެ ސައިމަން މެކްމެނެމީގެ ކޮންޓްރެކްޓް ހަމަވުމުން ކޯޗް ކަމުގެ މަގާމު މިދިޔަ މަހު ހުސްވުމުންނެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުއާ ހަވާލުވި އެންމެ ފުރަތަމަ ކޯޗަކީ ސްޕެއިނުގެ އެންޖަލް ޕެރޭޒް ގާސިއާ އެވެ. އޭނާ ވެސް ނިއުގެ ކޯޗް ކަމާ ހަވާލުވިތާ ދެ މަސް ދުވަސް ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ހުސްވި ފުޓްބޯޅަ ސީޒަނުގައި ނިއުގެ ކޯޗަކަށް ގެނައި ވެލީޒާ ޕޮޕޯވް ވަކިވެ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަދި އެކުލަބުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގް މެލޭޝިއާގެ ޕީޑީއާރްއެމް އާއި ގުޅުމުން ނިއު އަށް އަދި މިސީޒަންގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ.