އަންނަ ބްރާސްފަތި ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޕޯޗުގަލް ރޭ ކުޅުނު ރަހުމަތް ތެރި ކަމުގެ މެޗުގައި އެ ޓީމުގެ ޑިފެންޑަރު ބްރޫނޯ އަލްވޭސް ކާމިޔާބު ކޮށްދިން ލަނޑާ އެކު މެކްސިކޯގެ މައްޗަށް ޕޯލުގަލް އިން ކުރި ހޯދައިފި އެވެ.

ޕޯޗުގަލްގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ، ރައުލް މެރެލެސް އާއި ޕެޕޭ ނުލައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސް ޕޯޗުގަލްއަށް ލަނޑު ޖަހާނެ ފުރުޞަތުތައް ލިބުނު ކަމުގައި ވިޔަސް، މެކްސިކޯގެ ޑިފެންޑަރުން ވަނީ ޕޯޗުގަލްގެ ޑިފެންޑަރުން ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މެކްސިކޯ އަށް މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުމުގެ އިތުރަށް ގޯލަށް ނުރައްކާތެރި ހަމަލާއެއް ވެސް އުފެއްދިފައެއް ނުވާކަން ފާހަގަކޮށްލެވެ އެވެ.

މިފަހަރުގެ މުބާރާތުގައި ޕޯޗުގަލް ހިމެނިފައި ވަނީ ވަރުގަދަ ގްރޫޕެއްގައި ކަމުން މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ޖަރުމަނާ ދެކޮލަށް ނުކުންނަ އިރު ރޮނާލްޑޯ އަށް ކުޅެވޭނެ ކަން ޔަގީން ވާނީ އަދި ހަފްތާއެއް ފަހުން ކަމަށް އެ ޓީމުގެ ކޯޗް ޕައުލޯ މީގެ ދެދުވަސް ކުރިން ވަނީ ބުނެފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް ޖީ ފަޅީގަ އެވެ. އެ ފަޅީގައި ދެން ހިމެނޭ ޓީމުތަކަކީ އެމެރިކާ އާއި ގާނާ އަދި ޖަރުމަނެވެ.

ޕޯޗުގަލްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ، ޓީމުގެ ކެޕްޓަން ރޮނާލްޑޯ އަށް އަނިޔާވެފައި ވަނީ އޭނަގެ ވާތު ފަޔަށް ކަމަށާއި އަދި އޭގެ އިތުރުން ޓީމުގެ މުހިންމު ޑިފެންޑަރު ޕެޕޭ އަދި މިޑްފިލްޑަރު ރައުލް އަށް ވެސް ވަނީ އަނިޔާ އާއި ކުރިމަތި ލާންޖެހިފަ އެވެ.