07 Jun 2014, 13:28
މާދަމާ ފަށާ އެސްޓީއޯ ނުފަހި ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބަށް އިންޑިއާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ދެ އަންހެން ކުޅުންތެރިއަކު ގެނެސްފި އެވެ.
ނިއު އަށް ގެނައި ދެ ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ޑިފެންސަށް ކުޅޭ ލަކޯ އެވެ. އަދި އަނެއް ކުޅުންތެރިއަކީ މެދުތެރެއަށް ކުޅޭ ބަމްބެމް އެވެ.
އުމުރުން 19 އަހަރުގެ ޑިފެންޑަރު ލަކޯ ވަނީ އިންޑިއާ ގައުމީ ޓީމަށް އަށް މެޗު ކުޅެ އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި މިޑްފީލްޑަރު ބަމްބެމް ވަނީ ގައުމީ ޓީމަށް ކުޅުނު 11 މެޗުން 18 ލަނޑު ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގައި ވާދަކުރާ ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމު ވެސް ވަނީ ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ދެ ކުޅުންތެރިއަކު ގެނެސްފަ އެވެ. ސަން ޓީމަށް ގެނައި ދެ ކުޅުންތެރިންގެ އެއް ކުޅުންތެރިއަކީ ޕާކިސްތާނު ގައުމީ ޓީމުގެ ވައިސް ކެޕްޓަން އެވެ. ދެވަނަ ކުޅުންތެރިޔާ އަކީ ސްރީލަންކާގެ ގައުމީ ޓީމުގެ ކުޅުންތެރިޔެކެވެ.
ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ނުކުންނާނީ ސަން ޓީމާއި ޕޮލިސް ކްލަބެވެ. އެ މެޗު ކުޅޭނީ މާދަމާ ރޭ 9:00 ގައި ލައިފް ބޯއީ ޓާފް ދަނޑުގަ އެވެ.