ބްރެޒިލްގެ ރިއޯ ޑީ ޖަނޭރޯ ގައި މި މަހު 12 ވަނަ ދުވަހު ފެށޭ ވޯލްޑް ކަޕް ގެ މެޗުތައް ތަފާތު 12 ސިޓީއެއްގައި ބޭއްވުމަށް ނިންމި ނިންމުމަކީ ގޯސް ހިޔާލެއް ކަމަށާއި އެއީ ގޯސް ނިންމުމެއް ކަމަށް ރިއޯގެ މޭޔަރ އެޑުއާޑޯ ޕާއެސް ބުނެފިއެވެ.

“އެއީ އަހަރަމެންނަށް ގޯސްކޮށް ކުރެވުނު ކަމެއް. (ވޯލްޑް ކަޕް) ބާއްވަންވީ މިހާރު ބާއްވަން މިއުޅޭ ވަރަށް ވުރެ މަދު ސިޓީއެއްގައި،” ރިއޯ ޑީ ޖަނޭރޯގެ މޭޔަރ އެޑުއާޑޯ ޕާއެސް މިދިޔަ ބުރާސްފަތި ދުވަހު ބުނިކަމަށް އެސޯޝިއޭޓަޑް ޕްރެސް ގެ ޚަބަރުތަކުގައި ވެއެވެ.

ވާރލްޑް ކަޕް ފެށެން ހަފްތާއަކަށް ވެފައިވާއިރު މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ 12 ސްޓޭޑިއަމްގެ ތެރެއިން ބައެއް ސްޓޭޑިއަމްތަކުގެ މަސައްކަތް އަދިވެސް ހުރީ ނުނިމިއެވެ. ގިނަ ސްޓޭޑިއަމް ތަކެއް ވަށައިގެންވާ މަގުތައްހަދަމުން އަންނައިރު ސްޕޮންސަރުންގެ އިޝްތިހާރުތައް ބަހައްޓާ ތަންތަނާއި މީޑިއާއަށް ހާއްސަކޮށްފައިވާ ތަންތަންވެސް ހުރީ ނުނިމިއެވެ.

ވޯލްޑް ކަޕް ގެ ތައްޔާރީތައް ލަސް ވުމުގެ ސަބަބުން ބްރެޒިލްގެ ނަން ހަޑިވެ، “ޝަހްސިއްޔަތައް ބޮޑެތި ގެއްލުން” ތަކެއް ވެފައިވާ ކަމަށް އެޑުއާޑޯ ޕާއެސް ބުންޏެވެ. ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕް ވެގެން ދާނީ ވަރަށް ފުރިހަމަ މުބާރާތަކަށް ކަމަށްވެސް އެނާ ބުންޏެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ބްރެޒިލް އިން 11.5 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާއިރު އޭގެ ތެރެއިން 4 ބިލިއަން ޑޮލަރު ހޭދަކުރާނީ މެޗުތައް ކުޅޭ 12 ސްޓޭޑިއަމް ބިނާކޮށް މަރާމާތު ކުރުމަށެވެ.