ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގައި އިމިގްރޭޝަން އަތުން 3-1 ސެޓުން މެޗް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-22 އިންނެވެ. ދެ ވެނަ ސެޓް އިމްގްރޭޝަން ޓީމުން ކާޟިޔާބު ކުރީ 25-18 އިންނެވެ. ނަމަވެސް މެޗުގެ ބާކީ އިން ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް ޕޮލިހުން ކާމިޔާބު ކުރީ، 25-19 އަދި 25-16 އިންނެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ހައްވާ ރާޝިދާ އެވެ.

ޖުމްލަ ހަތަރު ޓީމް ވާދަކުރާ މިމުބާރާތުަގއި ޕޮލިސް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެފައި ވަނީ ކުއީން ސްޕޯޓްސް އަތުން ސީދާ ތިންސެޓުންނެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން ކަމަށެވެ. އެގޮތުން ލީގު ބުރުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ފުރަތަމަ ސެމީގައި ވާދަކުރާއިރު، ދެވަނަ ސެމީގައި ވާދަކުރާނީ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގަ ލިބޭއިރު ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުި ވާނީ ދެ ވަނަ ސެމީން މޮޅުވާ ޓީމަކަށެވެ.