03 Jan 2011, 17:44
އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންގެ ތިން މީހަކު މަރާލައިފިއެވެ.
ނޭޓޯގެ ބަޔާނެއް ބުނިގޮތުގައި މި ތިން މީހުންގެ ތެރެއިން އެކަކީ އިނގިރޭސި ސިފައިންގެ މީހެކެވެ. އަނެއް ދެމީހުންނާބެހޭ މަޢްލޫމާތެއް ނުދެއެވެ. މި ތިން މީހުންމަރުވީ އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތަކެއްގައި ކަމަށްވެސް މިބަޔާން ބުނިނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
މީގެއިތުރުން އަފްޣާން ސަރުކާރު ސިފައިންގެ ހަތަރު މީހަކުވެސް މިއަދު މަރުވިކަމަށް އަފްޣާން މަސްއޫލުވެރިއަކު ވިދާޅުވިއެވެ. ބެކްޓިޔާ ސްޓޭޓްގައި މިހަތަރު މީހުން މަރުވީ އެއްޗެއް ގޮވުމުގެ ސަބަބުން ކަމަށް ޚަބަރުލިބެއެވެ.
އަނެއްކޮޅުން އެމެރިކާވަނީ އަފްޣާނިސްތާނުގައި އާވަތަރެއްގެ ޖާސޫސީ މަތިންދާބޯޓުތަކެއް ބޭނުންކުރަން ފަށާފައެވެ. މިއީ މިހާތަނަށް އެމެރިކާ އަފްޣާނިސްތާނުގައި ބޭނުންނުކުރާ މުޅިންއާ ޓެކްނޮލޮޖީއެއްގެ މަތިންދާ ބޯޓުތަކެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓުތަކަކީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮގުގެ ކައިރީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ޙަމަލާދިނުމަށް އެމެރިކާ ބޭނުންކުރާ މަތިންދާބޯޓުތަކެކެވެ. ނަމަވެސް މިފަދަ ބޯޓުތަކުގެ ޙަމަލާތަކުގައި ގިނައިން މަރާލެވެނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ޢާންމުން ކަމަށް ޚަބަރުތައް ބުނެއެވެ.