07 Jun 2014, 12:29
އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލް އަށް ފްރެޑް ކާމިޔާބުކޮށްދިން ލަނޑުން އެ ޓީމު މޮޅުވެއްޖެ އެވެ.
އިއްޔެ ކުޅުނު މެޗުގައި ސާބިއާ އަތުން ބްރެޒިލް މޮޅުވީ 1-0 ލަނޑުންނެވެ. ބްރެޒިލްގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށް މެޗުގެ ހަމައެކަނި ލަނޑު ފްރެޑް ކާމިޔާބުކުރީ 58 ވަނަ މިނެޓްގައި ކެޕްޓަން ތިއާގޯ ސިލްވާ ދިން ބޯޅައަކުންނެވެ. އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ 16 މެޗުގެ ތެރެއިން 15 މެޗުން ބްރެޒިލް ވަނީ މޮޅުވެފައެވެ.
ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ކޯޗު ލުއިޒް ފެލިއްޕޭ ސްކޮލާރީ ބޭނުންކޮށްފައި ވާ ފުރަތަމަ 11 އަކީ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަ ފުރަތަމަ 11 ކަމުގައި ބެލެވެއެވެ.
"މިއީ ރަނގަޅު މެޗެއް. ރަނގަޅު އިމްތިހާނެއް،" ސްކޮލާރީ ބުންޏެވެ. "މެޗުގައި ގިނަ ހުރަސްތަކެއް ކުރިމަތިވި ނަމަވެސް ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، ގޯލެއް ކާމިޔާބުކޮށްފައި."
މޮރުންބީ ސްޓޭޑިއަމްގައި ބްރެޒިލް އާއި ސާބިއާ ބައްދަލުކުރި މެޗު ބެލުމަށްޓަކައި ގާތްގަނޑަކަށް 70،000 މީހުން ކުޅި ބަލަން ވަދެފައި ވާ އިރު، ސައޮ ޕޯލޯ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗުގެ ކުޅި ބެލުމަށްޓަކައި 61،000 އަށް ވުރެ ގިނަ މީހުން ދަނޑަށް ވަންނާނެ ކަމުގައި ބެލެވެއެވެ.
މުބާރާތް ހުޅުވުމަށްޓަކައި ސައޮ ޕަޯލޯގައި ކުޅޭ ފުރަތަމަ މެޗަށް ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 1:00ގައެވެ.