މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، އިއްޔެ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނަކޮށްފައި ވަނިކޮށް، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވި 14 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ ދުއްވުން މަނާ ގަޑީގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވައިގެން މާލެއިން ހަ މީހަކު ޖޫރިމަނާކޮށްފައި ވާއިރު ހުޅުމާލެއިން އަށް މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

ޖޫރިމަނާކުރި 14 މީހުންގެ ތެރެއިން 10 މީހުންނަކީ އެއްގޮތަކަށްވެސް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނުނަގާ އުޅަނދު ދުއްވަމުންދިޔަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ޖޫރިމަނާ ކުރި އެންމެންނަކީ ވެސް ސައިކަލް ދުއްވައިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތައް ކަމަށް ފުލުހުން ބުންޏެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައިގެން އިއްޔެ ހަވީރު 4:00 އިން 7:00 އަށް މާލޭސިޓީގެ އެއްވެސް ސަރަޙައްދެއްގައި ސިޓީ ކައުންސިލުން ހުއްދަދީފައި ނުވާ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނު ގެ ފަސް ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާ ކަމެއްކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. އަދި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވުސް ޕޮލިސް ސާރވިސް އިންވެސް ވަނީ އިއުލާން ކޮށްފައެވެ.