ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށް ޓީމުތަކުން ހޭބޯނާރައި ތައްޔާރުވަމުން ދާއިރު އެފަދަ ބޮޑު މުބާރާތެއްގައި ކުޅޭ ސްޓާ ޕްލޭޔަރުންގެ ފަރާތުން ގިނަ ގޯލްތަކެއް ފެނިގެން ދިއުމަކީ، އެތައް ބަޔަކު ކުރަމުން ދާނެ އުންމީދެކެވެ. ބޮޑެތި ލީގުތަކުގައި އެންމެ ގިނަގޯލް ޖަހައިގެން މަގުބޫލުކަން ހޯދާފައި ވާ ބައެއް ތަރިންނަށް ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައި އެބަހުއްޓެވެ.

މިއަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހާސިލް ކުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ދަނޑުމަތީގައި 754 މިނިޓް ހޭދަކޮށްގެން ޖެހިފައި ވަނީ އެންމެ ދެ ގޯލެއެވެ. ހަތަރު އަހަރު އެންމެ މޮޅު ކުޅުތެރިޔާގެ މަގާމް ހޯދި އާޖެންޓީނާގެ ލިއޮނަލް މެސީ އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕްގައި ދަނޑުމަތީގައި ހޭދަކުރި 571 މިނިޓްގައި އޭނާއަށް ޖެހިފަވަނީ އެންމެ ގޯލެކެވެ.

އިގިރޭސިވިލާތުގެ ވޭން ރޫނީ އެންމެފަހުގެ ދެ ވޯލްޑް ކަޕްގައި ދަނޑުމަތީގައި 595 މިނިޓް ހޭދަކޮށްފައި ވާ އިރު އޭނާއަށް އެންމެ ގޯލެއް ވެސް ޖެހިފައެއް ނުވެއެވެ. މި ތިން ކުޅުންތެރިން ދަނޑުމަތީގައި ހޭދަކުރި ވަގުތު އެއްކޮލުމުން 1920 މިނިޓް ވެއެވެ. އެއީ ގާތްގަނޑަކަށް 32 ގަޑިއިރެވެ. އެ ކުޅުންތެރިން ދެ މުބާރާތުގައި ޖުމްލަ ހޭދަކުރި ވަގުތަށް ބަލާއިރު ގޯލަށް ބޯޅަ ވައްދާލެވިފައި ވަނީ އެންމެ ތިން ފަހަރު އެވެ.

ރޫނީއަށް ފާއިތުވީ ވޯލްޑް ކަޕް ތަކުގައި ދަނޑުމަތީގައި ތަފާތު އަހްލާގީ މައްސަލަތައް ދިމާވުމާއި ފިޓްނަސް ލެވެލް ދަށްވުމުގެ ސަބަބުން މެޗްތަކުގައި އޭނާއަށް އެންމެ ރަނގަޅު ކުޅުން ވަނީ ނުދެއްކިފައެވެ.

ރޮނާލްޑޯ، މެސީ އަދި ރޫނީއާ އަޅާބަލާއިރު 2002 ވަނަ އަހަރު ވޯލްޑް ކަޕްގައި ފްރާންސް ކޮޅަށް ލަނޑު ޖަހައިގެން ދުނިޔޭގެ ސަމާލުކަން ހޯދި ސެނަގޯލްގެ ޕަޕަ ދިއޫފް ފާހަގަކޮށްލެވެއެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހުމެޗްގައި އުރުގުއާއިއާ ވާދަކޮށް 3-3 އެވަރުވި މެޗްގައި ދިއޫފް ވަނީ ދެ ގޯލް ޖަހައިފައެވެ. އޭގެ ފަހުން 2006 އަދި 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް ސެނަގޯލް ކޮލިފައި ވެފައެއް ނުވެއެވެ. މިވެސް ފަހަގަ ކުރެވިފައިވާ ތިން ސްޓާރުންނާ އަޅާބަލާއިރު ލަނޑުގެ ގޮތުން ގިނަ އަދަދެކެވެ.

ދެން ފާހަގަކޮއްލެވޭ އަނެއް ކުޅުންތެރިއަކީ ދެކުރުނު ކޮރެޔާގެ ޕާކް ޖިސުން އެވެ. 2002 ވަނަ އަހުރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ޕޯޗުގަލް ބަލިކުރިމެޗްގަައި ގޯލް ޖެހުމަށް ފަހު 2006 ވަނަ އަހަރު އަދި 2010 ވަނަ އަހަރުގައި ޕާކް ގޯލްތަށް ފެނިގެން ގޮސްފައި ވެއެވެ.

ކޮސްޓަރިކާގެ ޕައުލޯ ވަންޗޮޕް ފަދަ ކުޅުންތެރިން ވަނީ ވޯލްޑް ކަޕުގައި ގިނަ ގޯލްތަކެއް ކާމިޔާބު ކޮށްފައެވެ. 1996 ވަނަ އަހަރުން 2008 ވަނަ އަހަރަށް ގައުމީ ޓީމަށް ކުޅުނު ވަންޗޮޕް ވަނީ މި މުއްދަތުގެ ތެރޭގައި ދެ ވޯލްޑްކަޕެއް ކުޅެ ގޯލްތަކެއް ޖަހައިފައެވެ. އެގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަަޕްގައި ބްރެޒިލްއާ ވާދަކޮށް 2-5 ކޮސްޓަރިކާ ބަލިވިމެޗް ފާހަގަ ކޮއްލެވެއެވެ. ދިއޫފް، ޕާކް، ވަންޗޮޕް މި ތިން ކުޅުތެރިން ކުޅުނު ކްލަބުތައް ވެސް ވަނީ ރެލިގޭޓް ވެފައެވެ. އަދި ހަމަ އެހެންމެ ރޮނާލްޑޯ، މެސީ، ރޫނީއަށް ވުރެ ގިނައިން ޑެންމާކުގެ ޔޮންދާލް ޓޮމަސް (5 ގޯލް) ގާނާގެ އެސްމޯ ގިޔާން (4 ގޯލް) ޕޯޗުގަލްގެ ޕައުލިޓާ (4 ގޯލް) ޖަހާފައި ވެއެވެ.

މެސީ، ރޮނާލްޑޯ އަދި ރޫނީއަށް މާޒީވެ ދިޔަ ވޯލްޑް ކަޕް ތަކުގައި ފީކަޅާ ކުޅުމެއް ފެނިގެން ގޮސްފައި ވީ ނަމަވެސް މިފަހަރުގެ މުބާރާތުގައި މި ކުޅުންތެރިންގެ ފަރާތުން ބަދަލެއް ފެނުން ގާތެވެ. ސުވާލަކީ "މި ތިން ސްޓާރުންނަށް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގައި ހައްލެއް ހޯދިދާނެތޯ؟" ކުރެވޭ ސުވާލެވެ.