އެމްޓީސީސީގެ ޗެއާމަން އިގްބާލް އާދަމް ވެސް މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް މުއާޒް މިއަދު "ސަން" އަށް ވިދާޅުވީ އިގުބާލު ހުންނެވި މަގާމަށް މއ. އެވަގްލޯރީ އަބްދުﷲ އާރިފްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުއްވާފައިވާ ކަމަށެވެ.

"އިގްބާލް ހުންނެވި މަގާމަށް އަބްދުﷲ އާރިފް ކިޔާބޭފުޅެއްގެ ނަން މިދިޔަ ބުރާސްފަތު ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވާފައި،" މުއާޒް ވިދާޅުވި އެވެ.

އިގްބާލު އެމްޓީސީސީގެ ޗެއާމަން ކަމަށް އައްޔަން ކުރައްވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 5 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގަ އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ވާދަ ކުރާނެ ކަމަށް ބުނެފައި ވަނިކޮށް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އެ މަގާމަށް ވާދަ ކުރެއްވުމުން އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕީޕީއެމް ޖޭޕީގެ ކޯލިޝަން ވަނީ ރޫޅިފަ އެވެ. ނަމަވެސް އިގްބާލު ވަކިކުރަން އެންގުމާ އެކަމާ ގުޅުމެއްވާ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ޕީޕީއެމް އިން ދައުވާ ކުރީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އެންމެ ގިނަ ގޮނޑި ހޯދައި ދިނީ ޕީޕީއެމް އަށް ކަމަށާއި މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވަން ޖެހޭނީ ޕީޕީއެމް ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ ވެސް ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދެވެ.