މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް އިދާރާތުގެ އިތުރުން ބައެއް އަމިއްލަ ޖަމްއިއްޔާތައް ގުޅިގެން މާލޭގެ ފަޅުގެ ބޮޑު ސަރަހައްދެއް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް އިދާރާތަކާ ގުޅިގެން މާލޭގެ އުތުރުފަރާތު ރަސްމީ ފާލަމުގެ ހުޅަނގުން ފެށިގެން ހުޅަނގަށްގޮސް ރޯމަސްމާރުކޭޓުގެ އިރުމަތީ ކަނާ ހަމައަށް ހިމެނޭ ފަޅުތެރޭގެ ސަރަހައްދު މިއަދު ސާފުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 2:00 އާއި ހަމައަށް ކުރިޔަށް ގެންދާ އެ ހަރަކާތުގައި ސިޓީ ކައުންސިލާއެކު އެމްއެންޑީއެފް ގެ މިލިޓަރީ ވެޓެރަންސް އާއި ފެމިލީ އެސޯސިއޭޝަންސް އަދި އެންވަޔަންމަންޓް މިނިސްޓްރީ އާއި އީޕީއޭ ގެ އިތުރުން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން ވެސް ބައިވެރިވެ އެވެ.

މާލޭގެ ފަޅުތެރެ ސާފުކުރުމަށް ހިންގި އެ ހަރަކާތުގައި މިހާތަނަށް އައި އިރު ފަތާ ޓްރެކް ހިމެނޭ ސަރަހައްދާއި ސުނާމީ ބިނާ ހިމެނޭ ސަރަހައްދުން ގިނަ އަދަދަކަށް ކުނި ނަގާފައިވެ އެވެ.