ޕެރިސް (ޖޫން 7) : ޔުކްރޭންގެ އިންތިޚާބީ ރައީސް ބީތްރޯ ބޯޝިންކޯ އާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ސީދާގޮތެއްގައި ބައްދަލުކުރައްވައި ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލައްވައިފިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގާ ނާޒީ ޖަރުމަނުގެ ޒައީމް އެޑޮލްފް ހިޓްލަރުގެ އަނިޔާވެރިކަމާ ދެކޮޅަށް ޔޫރަޕްގެ މިނިވަން ކަމަށްޓަކައި ހަނގުރާމަކުރި އިއްތިހާދީންގެ ލަޝްކަރުތައް ފަރަންސޭސިވިލާތުގެ ނޯމަންޑީގެ އައްސޭރިފަށަށް ފޭބި ތާރީޚީ ހާދިސާގެ 70 ވަނަ އަހަރީ ދުވަސް (ޑީޑޭ) ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި އިއްޔެ ބޭއްވި އިހްތިފާލްތަކުގެ އަރިމަތީގައި ބޯޝިންކޯ އާއި ޕޫޓިން ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން ގޮވާލައްވާފައިވަނީ ޔުކްރޭން ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނަސް އެގައުމުގައި ސުލްހަ ގާއިމް ކުރުމަށެވެ.

މިއީ ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މިއަހަރުގެ ކުރީކޮޅު ޔުކްރޭންގެ އިންތިޚާބީ ސަރުކާރު ވައްޓާލުމާއެކު އެދެގައުމުގެ ދެމެދުގައި އުފެދުނު މައްސަލަތަކަށްފަހު އެދެގައުމުގެ ރައީސުން ސީދާގޮތެއްގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ޔުކްރޭންގެ އިންތިޚާބީ ރައީސް ބީތްރޯ ބޯޝިންކޯއަކީ މިދިޔަ މަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސެވެ. އޭނާގެ ޒައާމަތާއި އޭނާ އެކުލަވާލައްވާ ސަރުކާރު ގަބޫލުކުރާނެކަން ރަޝިޔާއިންވަނީ ހާމަކޮށްފައެވެ.

ބޯޝިންކޯ އާއި ޕޫޓިން ބައްދަލުކުރެއްވުމަށްފަހު ޕޫޓިން ވިދާޅުވީ ޔުކްރޭންގެ ދާޚިލީ ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ ކަމަށާ އެކަމަށް ރަޝިޔާ މަސައްކަތް ކުރާނެ ކަމުގައެވެ. ބޯޝިންކޯ ވެސް ވަނީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެގައުމުގެ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައިގާ އިދިކޮޅު ފަރާތްތަކުން ރޭގައި ވަނީ ސަރުކާރު ސިފައިންގެ ޢަސްކަރީ މަތިންދާބޯޓެއް ވައްޓާލާފައެވެ. އެބޯޓު ވައްޓާލާފައިވަނީ ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސޮލޮވިޔަންސިކް އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުކްރޭންގެ ސަރުކާރުންވެސް ވަނީ މިބޯޓު ވައްޓާލިކަން ކަށަވަރުކޮށްދީފައެވެ. މިއީ އަސްކަރީ ސާމާނު އުފުލާ މަތިންދާބޯޓެއް ކަމަށް ޔުކްރޭންގެ ދިފާއީ ވުޒާރާއިން ބުނެއެވެ. ފަރަންސޭސިވިލާތުގެ ނޯމަންޑީގައި އިއްޔެ ބޭއްވި ޑީ ޑޭ ފާހަގަ ކުރުމުގެ އިހްތިފާލްތަކުގައި 20 ގައުމެއްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ގެ އިތުރުން ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް އާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލްވެސް ހިމެނެއެވެ. (ރޮއިޓާސް)