ދ. ކުޑަހުވަދޫ ބިން ހިއްކުމުގެ މަސައްކަތާއި އެ ރަށުގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ކުޑަހުވަދޫގައި މީހުން ދިރިއުޅުމަށާއި އެއާޕޯޓް އެޅުމަށް ބިން ހިއްކަނީ ދެ ކުންފުންޏަކުންނެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް މިއަދު ސަން އަށް ވިދާޅުވީ ބޮސްކާލިސް އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން ހިއްކަނީ އެ ރަށު ހުޅަނގު ފަރާތް ކަމަށާއި އެ ސަރަހައްދު ހިއްކަނީ ރަށުގެ މީހުން ދިރިއުޅުމަށް ކަމަށެވެ. އަދި ރަށުގެ ދެކުނު ފަރާތް ހިއްކަނީ އެއާޕޯޓް އެޅުމަށް ކަމަށާއި އެ މަސައްކަތް ކުރަނީ، ރިއަލޯ ކުންފުނިން ކަމަށެވެ.

ޒަމީރު ވިދާޅުވީ ބޮސްކާލިސް އިން އެ ރަށުގެ ހުޅަނގު ފަރާތް ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އެއާޕޯޓް އެޅުމަށް ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރު ވެސް ގެންގޮސް މިހާރު ހޮޅިތައް ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޑަހުވަދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ -- ސަން ފޮޓޯ: ކުޑަހުވަދޫ ކައުންސިލް


ޒަމީރު ވިދާޅުވީ، ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ރަށުން ހިއްކުމަށް ނިންމާފައިވާ 65 ހެކްޓަރުގެ ތެރެއިން 25 ޕަސެންޓްގެ އަމަލީ މަސައްކަތް ނިންމާލެވިފައި ވާ ކަމަށެވެ. އެ މަސައްކަތް ބޮސްކާލިސް ކުންފުނިން ކުރަމުންދާއިރު އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މިހާރު މިރަށުގައި ނެތް ގޯތި ދޭނެ އެންމެ ބިން ކޮޅެއް ވެސް،" ޒަމީރު ވިދާޅުވި އެވެ.
ކުޑަހުވަދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ -- ސަން ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

އޭނާ އިތުރަށް ވިދާޅުވީ އެއާޕޯޓް ހެދުމަށް ބޭނުންވާ ސާމާނުތައް އިއްޔެ އެރަށަށް ގެނެސްފައިވާ ކަމަށެވެ. އެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ކުޑަހުވަދޫ ބިންހިއްކުމުގެ މަސައްކަތް ސަރުކާރުގެ ހަރަދުގައި ކުރާއިރު އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރިއަލޯ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކުންނެވެ.
ކުޑަހުވަދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ -- ސަން ފޮޓޯ: ކުޑަހުވަދޫ ކައުންސިލް


ކުޑަހުވަދޫގައި އެއާޕޯޓް އަޅަނީ އެ އަތޮޅުގެ ކަނޑިއްމަ އާއި އިސްހެރެ ރިއަލޯ އަށް ރިސޯޓް ހަދަން ދީގެންނެވެ.