ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވޯޓުލާން ފަސޭހަކޮށްދިނުމުގެ ގޮތުން 100 މީހުން ރަޖިސްޓްރީކުރާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.


މިހާތަނަށް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ 26 ރިސޯޓެއްގައި ކަމަށް ވީ ނަމަވެސް، މިއަދު ނެރެނު އިއުލާނެއްގައި އެ ކޮމިޝަނުން ބުނަނީ، އަންނަ ބުދަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން "ރިސޯޓެއްގައި ވޯޓުލުމަށްޓަކައި 100 މީހުން ރަޖިސްޓްރީކޮށްފިނަމަ، އެ ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމުގެ އިންތިޒާމް ހަމަޖައްސައިދޭ ގޮތަށް ނިންމާފައިވާ" ކަމަށެވެ.


އިލެކްޝަންސްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ، ކޮންމެ ރިސޯޓަކުން ވެސް ސަތޭކަ މީހުންގެ ފޯމު ހިފައިގެން ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އިލެކްޝަންސް އަށް އައުމުން ވޯޓުލެވޭނެ ގޮތް އެ ރިސޯޓެއްގައި ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް، ވޯޓު ފޮށި ބަހައްޓާ ރިސޯޓަށް ދިއުމުގެ އިންތިޒާމް ހަމަޖައްސަންވާނީ ރިސޯޓް މެނޭޖްމެންޓާ ވާހަކަދައްކައިގެން ރަޖިސްޓްރީވާ ބަޔަކު އަމިއްލައަށް ކަމަށް ތޮލާލު ވިދާޅުވި އެވެ.


ރިސޯޓެއްގައި ބަހައްޓާ ވޯޓު ފޮއްޓަކަށް އެހެން ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ވެސް އިލެކްޝަންސް އިން ވަނީ ހުޅުވާލައިފަ އެވެ.


ތޮލާލު މިއަދު ވިދާޅުވީ، 100 މީހުން ހަމަވެގެން މިހާތަނަށް ވޯޓު ފޮށި ބަހައްޓަނީ ފަސް ރިސޯޓެއްގައި ކަމަށެވެ. ނަމަވެސް، ވޯޓު ފޮށި ބަހައްޓާ ތިން ބޭރު ގައުމު ކަމުގައިވާ އިންޑިއާ އާއި މެލޭޝިޔާ އާއި ލަންކާގެ ތެރެއިން އެއްވެސް ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް އަދި މީހުން ރަޖިސްޓްރީވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.


"ކޮންމެ ގައުމަކުން 300 މީހުން މަދުވެގެން ރަޖިސްޓްރީވާން ޖެހޭއިރު، އަދި ވަރަށް މަދުން ރަޖިސްޓްރީކުރީ. ތިން ގައުމުން ޖުމްލަ 250 ވެސް އަދި ހަމަނުވޭ،" ތޮލާލު ވިދާޅުވި އެވެ.  


ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް އިދާރީ ގޮތުން ހިންގުމަށް އުފައްދާ ލޯކަލް ކައުންސިލްތަކަށް މީހުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ ފެބްރުއަރީ މަހުގެ 5 ގައި އެވެ.