ނޯމަންޑީ (ޖޫން 7) : ދެވަނަ ބޮޑު ހަނގުރާމައިގެ ހުޅުގަނޑު ރޯކުރި ނާޒީ ޖަރުމަނުގެ ޒައީމް އެޑޮލްފް ހިޓްލަރުގެ އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަކުރި އިއްތިހާދީންގެ ލަޝްކަރުތައް ފަރަންސޭސިވިލާތުގެ ނޯމަންޑީގެ އައްސޭރިފަށަށް ފޭބި ތާރީޚީ ހާދިސާގެ އަހަރީ ދުވަސް (ޑީޑޭ) އެރަށުގައި އިއްޔެ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ހިޓްލަރު ގެ މައްޗަށް ކާމިޔާބު ހޯދި އިއްތިޙާދީންގެ ލަޝްކަރުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ރަޝިޔާ ނިސްބަތްވާ ކުރީގެ ސޮވިއެޓް ޔުނިޔަން ހިމެނެއެވެ. ޑީޑޭ ގެ 70 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޯމަންޑީގައި އިއްޔެ ބޭއްވި ޚާއްސަ އިހްތިފާލްތަކުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ގެ އިތުރުން ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް އާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އިހްތިފާލްތަކުގައި ބައިވެރިވި ލީޑަރުންގެ އެންމެ ބޮޑު ސަމާލުކަން ހުއްޓިގެން ދިޔައީ ނޯމަންޑީގެ އައްސޭރިފަށަށް މީގެ 70 އަހަރު ކުރިން ފޭބި އިއްތިޙާދީންގެ ލަޝްކަރުގައި ބައިވެރިވި އޭރުގެ ޒުވާން ސިފައިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި މީހުންނަށެވެ. އެމީހުންވަނީ ޑީޑޭގެ އިޙްތިފާލްތަކުގައި ޝަރަފުވެރި އިއްޒަތްތެރިންގެ ގޮތުގައި ބައިވެރިވެފައެވެ. މިއިން ކޮންމެ މީހެއްގެ އުމުރުވެސް ވަނީ 90 އިން މަތީގައެވެ. ޑީޑޭ ގެ އޮޕަރޭޝަނަކީ ހިޓްލަރުގެ މައްޗަށް އިއްތިޙާދީން ގަދަވެ އޭނާގެ އަޅުވެރިކަމުން ޔޫރަޕް މިނިވަންކުރުމުގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމަވެސް ނިމުމަކަށް ގެނައި ތާރީޚީ ކާމިޔާބީގެ ފެށުމެވެ.

ޑީޑޭ ގެ އޮޕަރޭޝަންއަކީ ދުނިޔޭގެ ތާރީޚުގައި ހަތިޔާރުއެޅި ލަޝްކަރުތަކުން މިހާތަނަށް ހިންގާފައިވާ ކަނޑުމަތީގެ އެންމެ ބޮޑު އޮޕަރޭޝަން ކަމަށްވެއެވެ. އެއޮޕަރޭޝަން ގައި އިއްތިޙާދީންގެ ފައުޖުތައް ކަނޑުމަގުންނާއި ވައިގެ މަގުން ގޮސް ނޯމަންޑީގެ އައްސޭރިއަށް އެރުމުގެ ތެރޭގައިވެސް އިއްތިޙާދީންގެ އެތަށް ސަތޭކަ ސިފައިން މަރުވެގެން ގޮސްފައިވެއެވެ. ނޯމަންޑީގެ އޮޕަރޭޝަންގެ ނުރައްކާތެރިކަމާއި ބިރުވެރިކަމާއި އެއޮޕަރޭޝަންގައި ހިނގައިދިޔަ ބިރުވެރި އަދި ތާރީޚީ އެތަށް ހާދިސާއެއްގެ ހަނދާންތައް އިއްޔެ އިޙްތިފާލްތަކުގައި އާ ކޮށްފައިވެއެވެ.

ނޯމަންޑީގެ ތާރީޚީ އޮޕަރޭޝަން ހިޓްލަރާ ދެކޮޅަށް ހިންގާފައިވަނީ 1944 ވަނަ އަހަރުގެ ޖޫންމަހުގެ 6 ގައެވެ. އެ އޮޕަރޭޝަންގައި އިއްތިޙާދީންގެ ސިފައިންގެ ދޮލުލައްކައަށްވުރެ ގިނަ ސިފައިން ބައިވެރިވެފައިވާއިރު އެ އޮޕަރޭޝަނަށްފަހު ފަރަންސޭސިވިލާތުގައި އިއްތިޙާދީންގެ ބާރު ގަދަވެ ނާޒީ ޖަރުމަނުގެ ސިފައިން ބަލިވެގެން ދިޔައިރު ދެފަރާތުން އެތަށް ހާސް ސިފައިންނެއް މަރުވެގެން ގޮސްފައިވެއެވެ.

ޑީޑޭގެ އިހްތިފާލްތަކުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއެކު ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް އިޙްތިފާލްތަކުގެ ތެރޭގައާއި އިޙްތިފާލްތަކަށް ފަހުވެސް އެދެބޭފުޅުން ވަކިވަކިން ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިނުވާ ކަމަށް ކްރެމްލިން އިން ބުނެފައިވެއެވެ. (ރޮއިޓާސް)