ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލޫޕީސް އިން ރ. ހުޅުދުއްފާރުގައި މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް އިއްޔެ ފާހަގަ ކޮށްފި އެވެ.

ބްލޫޕީސް އިން ބުނީ، ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުދުއްފާރުގައި އިއްޔެ ބައެއް ހަރަކާތްތައް ހިންގާފައިވާ ކަމަށާއި މިއަދު ވެސް ބައެއް ހަރަކާތްތައް ހިންގާނެ ކަމަށެވެ.

އިއްޔެ ހިންގި ހަރާތްތަކުގެ ތެރޭގައި އެރަށުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ ގޯތިތެރޭގައި ގަސް އިންދުން ހިމެނޭ ކަމަށާއި އެގޮތުން ގިނައިން އިންދާފައި ވަނީ މޭވާ އަޅާ ގަސްތައް ކަމަށް ވެސް ބްލޫޕީސް އިން ބުންޏެވެ.

ބްލޫޕީސް އާއި ވޯލްޑްބޭންކް ގުޅިގެން ތައްޔާރު ކޮށްފައިވާ ކުނި މެނޭޖް ކުރުމާ ބެހޭ އަތްމަތީ ފޮތެއް ނެރުން ވެސް އިއްޔެގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ. އެ ފޮތް ނެރެދެއްވީ ހުޅުދުއްފާރާއި އެ އަތޮޅުގެ ރަސްގެތީމު ރަށުކައުންސިލްގެ މެމްބަރުންނެވެ. އެފޮތް ނެރެ ދެއްވުމަށް ފަހު ދެ ރަށުގެ ރަށުކައުންސިލްގެ މެމްބަރުންނާއި ބްލޫޕީސްގެ މެމްބަރުން ވަނީ ކުނި މެނޭޖްކުރުމާ ބެހޭ މަޝްވަރާތަކެއް ވެސް ބާއްވާފައެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހިންގަން ހަމަޖެހިފައި ވާ ހަރަކާތްތަކަކީ ރަށުގެ އެކި ސަރަހައްދުތަކުގައި ރުއް އިންދުމާއި ސްކޫލްގައި ފަތްޕިލާވެލީގެ ނާސަރީއެއް ގާއިމްކުރުމެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް މާލެއާއި ރާއްޖޭގެ އެހެން ބައެއް ރަށްތަކުގައި ވެސް ގިނަ ހަރަކާތްތަކެއް އިއްޔެ ހިންގާފައި ވެއެވެ.