ބްރާވިއާ އައިޑިއާސް ކަޕުގެ ފައިނަލުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ބަލިކޮށް، ބަރާބަރުން ޗެމްޕިއަންކަން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލު މެޗުން ބަރާބަރު މޮޅުވީ 3-1 ލަނޑުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެމްއާރުޑީސީ އަތުގައި ގިނައިރު ބޯޅަ އޮތް ނަމަވެސް، ބަރާބަރުގެ ލަނޑުތައް ފެނުނީ ކައުންޓާ އެޓޭކްތަކުގަ އެވެ. މެޗުގައި ބަރާބަރުން ރަނގަޅަށް ޑިފެންސް ކުރި އިރު، ލިބުނު މަދު ފުރުސަތެއްގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފައިވެ އެވެ.

މެޗުގައި ބަރާބަރުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުޝާމް އިބްރާހިމް ރަޝީދެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމެވެ. މެޗުގައި ބަރާބަރު ޓީމުގެ ހުޝާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.

ފުޓްސަލް އަށް ނަން މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ އެމްއާރުޑީސީ ވަނީ މި މުބާރާތުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްފައި ވެއެވެ. ނަމަވެސް ފައިނަލު މެޗުގައި އެ ޓީމަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަރުޝަދު (އަރޭ) އެވެ. މެޗުގައި ދެވަނަ ރީނދޫ ކާޑަކާއެކު އެމްއާރުޑީސީގެ އަހްމަދު ވިޝާލް (އަންދު) ދަނޑުން ފޮނުވާލާފައި ވެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު ކަމަށްވާ ބަރާބަރަށް ތައްޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާނު ރީފްސައިޑުގެ ޑިރެކްޓަރު އަނަސް ހަސަނެވެ. އަދި މުބާރާތުގެ ރަނަރަޕުކަން ހޯދި އެމްއާރުޑީސީ އަށް ތައްޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފެވެ.

މުބާރާތުގެ އެންމެ ފަސް ކުޅުންތެރިންނަށް ހޮވުނީ ބަރާބަރުގެ ހުޒައިފަތު ރަޝީދާއި އެމްއާރުޑީސީގެ އިސްމާއިލް އީސާ (މެސީ) އާއި ސްޓެލްކޯގެ ހާރޫން އިބްރާހިމާއި ބަރާބަރުގެ މުހައްމަދު އައްޒާމް އަދި ބަރާބަރުގެ ހުޝާމް އިބްރާހީމެވެ. މި ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ބަރާބަރުގެ ހުޒައިފަތު ރަޝީދެވެ.

އައިޑިއާސް ކަޕުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވެސް އިނާމު ހަވާލުކޮށްފައި ވެއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައި މި އިނާމު ހޯދީ ބަރާބަރުގެ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުޒައިފަތު ރަޝީދެވެ. އަދި މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްޕީއެލް) އެވެ.

ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.