06 Jun 2014, 22:58
ތިންހާހަށް ވުރެ ގިނަ ބައިވެރިންނާއެކު މިއަދު ހަވީރު ބޭއްވި ދިރާގު ރޯޑް ރޭހުގައި އެންމެ އަވަހަށް މާލެ ވަށައި ދެ ބުރު ޖަހައި ދިރާގު ރޯޑްރޭހުގެ 10 ކިލޯމީޓަރުގެ ފިރިހެން ބައިން އެއް ވަނަ ޔައުގޫބް އަހުމަދު ހޯދައި، އަންހެނުންގެ ބައިންގެ އެއްވަނަ މުއީނާ މުހައްމަދު ހޯދައިފި އެވެ.
މިއަހަރު ރޯޑުރޭހުގައި 10 ކިލޯމީޓަރުގެ ބައިން އެއްވަނަ ހޯދި ޔައުގޫބަކީ މިދިޔަ އަހަރު ބޭއްވި ރޯޑުރޭހުގައި ތިން ވަނަ ހޯދި ދުވުންތެރިޔާ އެވެ. އެ ފަހަރު އޭނާ މާލެ ވަށައި އެއް ބުރު ހަމަ ކުރީ 19 މިނިޓުންނެވެ.
ތީމެއްގެ ގޮތުގައި "ހެލްޕް ޕްރޮޓެކްޓް ޗިލްޑްރަން" އެޝިއާރުގެ ދަށުން ދިރާގުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ރޯޑްރޭސްގެ ފިރިހެން ބައިގެ 10 ކިލޯމީޓަރުން ދެ ވަނަ މަގާމް ހޯދީ އަހުމަދު ޝަރަފެވެ. އަދި އެ ބައިގެ ތިން ވަނަ ހޯދީ ހުސައިން ވިފާގެވެ. ދިހަ ކިލޯ މީޓަރުގެ އަންހެން ބައިން ދެ ވަނަ ހޯދީ ޝަޒްނާ މުހައްމަދެވެ. އަދި ތިން ވަނަ ހޯދީ މެލިކީ އެވެ.

ދިހަ ކިލޯމީޓަރު ދުވުމުގެ އެއް ވަނަ ހޯދި ދުވުންތެރިޔާއަށް ތައްޓާއި މެޑަލްގެ އިތުރުން 10،000ރ. ދީފައިވެ އެވެ. ދެ ވަނަ ހޯދި ދުވުންތެރިންނަށް މެޑަލްގެ އިތުރުން 8،000ރ. ވަނީ ދީފަ އެވެ. އަދި ތިން ވަނަ ހޯދި ދުވުންތެރިންނަށް މެޑަލްގެ އިތުރުން 6،000ރ. ލިބުނެވެ.
މިއަދުގެ ދިރާގު ރޯޑް ރޭހުގައި މާލޭގެ ސްކޫލްތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން އެންމެ ގިނަ ވަނަތައް ހޯދީ ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ. ރޭހުގެ ސްކޫލް ކެޓަގަރީގެ ފަސް ކިލޯމީޓަރު ދުވުމުން 13 އަހަރުން ދަށުގެ ފިރިހެން އެއްވަނަ ހޯދީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ އައިކް އަބްދުﷲ ރިފާއު އެވެ. އަދި މިބައިގެ އަންހެން އެއް ވަނަ ހޯދީ ވެސް ބިލަބޮންގް ސްކޫލްގެ ރަބާ އިސްމާއިލެވެ.
ސްކޫލް ކެޓަގަރީގެ ފަސް ކިލޯމީޓަރު ދުވުމުގެ 13 މަތީގެ އެއްވަނަ ފިރިހެން ދުވުންތެރިއަކަށް ހޮވުނީ މެޕްސް ހައި ސްކޫލުގެ ޔާން އަބްދުލްޖަލީލެވެ. އަދި މިބައިގެ އަންހެން އެއް ވަނަ ހޯދީ ކަލާފާނު ސްކޫލުގެ ފާތިމަތު ޝައިނާ އެވެ.

މީގެ އިތުރުން މިއަދުގެ ރޭހުގައި 45 އަހަރުން މަތީގެ ފަސް ކިލޯމީޓަރު ދުވުމުގެ އެއް ވަނަ ފިރިހެން ދުވުންތެރިއަކަށް އަބްދުﷲ މަހުރީން ހޮވުނުއިރު އަންހެން އެއް ވަނަ ހޯދީ ޕެޓްރިކާއެވެ.
ދިރާގުން ބުނީ، މިއަދުގެ ރޭހުން ވަނަތައް ހާސިލް ކުރި ދުވުންތެރިން ރޭސްނިމި ވަގުތު ދިރާގު ރަސްމީ ވެބްސައިޓަށް އެރުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަދުގެ ރޭހުން ވަނަތައް ހާސިލް ކުރި ދުވުންތެރިންނަށް ތައްޓާއި އިނާމް ބައްސަވާދެއްވީ ދިރާގުގެ އިސްވެރިންގެ އިތުރުން ކުރީގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މައިޒާން އަލިބެ އާއި މިހާރު އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ތޮލާލެވެ.

ރާއްޖެއިން ބޭރުގެ 32 ގައުމެއްގެ ދުވުންތެރިންވެސް ދުވުނު ދިރާގު ރޯޑްރޭހުގެ ވަނަތައް ހޮވުމުގައި ދިރާގުން ދައުވަތު ދީގެން އައި ބޭރުގެ ދުވުންތެރިން ހިމަނާފައެއް ނުވެ އެވެ. ނަމަވެސް މިއަދުގެ ރޭހުން އެ ދުވުންތެރިން ވަނީ އެންމެ ފުރަތަމައަށް ރޭސް ނިންމާފަ އެވެ.
މިއަދުގެ ރޯޑް ރޭހުގައި އޮސްޓްރޭލިޔާ، ކެންޔާ، ނައިޖީރިއާ ފަދަ ގައުމު ތަކުން ގިނަ އަދަދެއްގެ ދުވުންތެރިން ދުވުނުއިރު، ރޭސް ނިންމި ކޮންމެ ބައިވެރިއަކަށް ބައިނަލްއަގްވާމީ ސެޓިފިކެޓެއް ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.

މީގެ ހަތް އަހަރު ކުރިން 200 ބައިވެރިންނާ އެކު ދިރާގުން ފެށި ރޯޑްރޭސް 3000 ބައިވެރިންނަށް އިތުރުވެ ބައިނަލްއަގްވާމީ ރޭހަކަށް ބަދަލުވުމުން ދިރާގުން ވަނީ އެކަން ފާހަގަ ކޮށް ކުރިއަށް އޮތް އަހަރު ވެސް މިއަށްވުރެއް ފުރިހަމައަށް ދިރާގު ރޯޑް ރޭސް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.
މިއަހަރުގެ ރޯޑް ރޭހުން ލިބުނު ފައިސާތައް ދިރާގުން ހަދިޔާކުރުމަށް ނިންމާފައި ވަނީ ރޭހުގައި އެހީވުމަށް ކަނޑައަޅާފައިވާ ފަސް ޖަމިއްޔާއެއް ކަމަށްވާ "ޓައިނީ ހާޓްސް"އާއި "އާކް"އާއި "ކެންސާ ސޮސައިޓީ"އާއި "ކެއާ ސޮސައިޓީ"އާއި "މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއޭބަލްސް "ގެ އިތުރުން "ޑައިބެޓިކް އެސޯސިއޭޝަން" އަށެވެ.
