ތިމާވެށިދުވަސް ފާހަގަކުރުމަށްޓަކައި ތިމާވެއްޓަށް ގެއްލުންލިބޭ ކުނިބުނި ސާފުކުރުމުގެ ޕްރޮގުރާމެއް ގަލޮޅު މަދަރުސާއިން ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތް އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ގަލޮޅު މަދްރަސާގެ ތިމާވެށި ކުލަބް(ފެން)އާއި ޓްރީ މޯލްޑިވްސް އާ ގުޅިގެންނެވެ.
ސާފުކުރުމުގެ މި ޕްރޮގުރާމް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:00 އިން 6:00 އަށެވެ. މިހަރަކާތުގައި ގަލޮޅު މަދަރުސާގެ ދަރިވަރުންގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.

ހުޅުމާލޭގައި ކުރިއަށްދިޔަ މި ޕްރޮގުރާމްގައި ޕްލާސްޓިކް ފުޅިއާއި ދަޅު އަދި ޕްލާސްޓިކް ކޮތަޅު ވަނީ ހޮވައި ސާފުކޮށްފައެވެ.
ބާބަކިއު ސަރަހައްދުގެ އިތުރުން ހުޅުމާލޭގެ ހަތަރު ސަރަހައްދެއް ސާފުކޮށްފައިވެއެވެ. އެގޮތުން ގަސްތަކުގެ ބުޑަށާއި ޢާންމުކޮށް މީހުން އެއްވެ ތިބޭ ތަންތަނަށް އުކާފައި ހުންނަ ކުނިބުނި ސާފު ކުރުން ހިމެނެއެވެ.

މި ހަރަކާތުން އެއްކުރެވުނު ކުނީގެ އަދަދަށް ބަލާއިރު 2539 ޕްލާސްޓިކް ރެޕިންއާއި 1273 ޕްލާސްޓކް ފުޅިއާއި 1088 ދަޅު ހިމެނެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރުންނަށް ތިމާވެށި ކުލަބު (ފެން) އިން ވަނީ ހަނދާނީ ލިޔުން ދީފައެވެ. އަދި ވަނަވަނައަށް ހޮވުނު ގްރޫޕްތަކަށް ޓްރީ މޯލްޑިވްސް އިން ވަނީ ސެޓްފިކެޓާއި އިނާމްދީފައެވެ.