06 Jun 2014, 20:31
ހާލު ކިހިނެއްތޯ އަހާލުމުން ބައިސްކަލު މަތީ އިނދެ ކުޑަކުޑަ ޒުއިއްކޮ އަށް ހަމައެކަނި ބުނެވުނީ "ހެޕީ، ހެޕީ" އެވެ. އައިޝަތު ޒުއީން، 3، އަށް އޭނާގެ ބައްޕަ ބައިސްކަލެއް ގަންދިންތާ މިހާރު ދެ މަސް ވަނީ އެވެ. މިހާތަނަށް އެ ބައިސްކަލުގައި ޒުއިއްކޮ ދުއްވީ ހަމައެކަނި ގޭގެ ސިޓިންރޫމްގަ އެވެ. ދުއްވާ އެއްޗެހި ދުއްވުން މަނާ ވަގުތުގެ ބޭނުން ޒުއިއްކޮ ވަރަށް ރަނގަޅަށް ހިފައިފި އެވެ.
"މިއަދު އަލަށް އަދި މި ބޭރަށް ނުކުތީ ބައިސްކަލު ދުއްވަން. ވަރަށް ދުއްވާލައިފި މިހާރު ވެސް. ވަރަށް އުފާވެފަ އެ ހުރީ،" ޒުއިއްކޮގެ ބައްޕަ ބުންޏެވެ.

އުމުރުން އެންމެ ތިން އަހަރުގެ ޒުއިއްކޮ ބައިސްކަލު ދުއްވަނީ: މަގުމަތީގައި މިނިވަންކަމާއެކު އުޅެލަން ލިބެނީ ދުއްވާ އެއްޗެހި ދުއްވުން މަނާ މިފަދަ ދުވަހެއްގައި -- ފޮޓޯ/ސަން
ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރާ ވަގުތުކޮޅަކީ ތޮއްޖެހިފައިވާ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއަށް ކޮންމެ އަހަރަކު އެއް ފަހަރުހެން އަންނަ އީދެކެވެ. މާލޭގައި ދުއްވާ ސައިކަލުގެ އަދަދު ވެސް 16،000 އަށް އަރަ އެވެ. އެއީ މާލޭގައި ދިރިއުޅޭ ކޮންމެ ހަ މީހަކަށް ސައިކަލެކެވެ. އެހެންކަމުން މިފަދަ ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރާ ކޮންމެ ފަހަރަކީ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުންނާއި ކުޑަކުދިން އަދި އާއިލާތަކަށް ލިބޭ ބޮޑު އުފާވެރިކަމެކެވެ.
"ހިނގާފައި އުޅޭ ވަގުތެއް ހަމަޖެއްސުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނާ ނުކުޅޭ މީހުންނަށް ބޭރަށް ނުކުމެ ހިނގާލާ އުޅުމުގެ ފުރުސަތު ދިނުން،" އެންވަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) އިއްޔެ ވިދާޅުވި އެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި އެންވަރަމަންޓް މިނިސްޓްރީން ހަމަޖައްސާފައި އޮތީ މިއަދުގެ ހަވީރު 4:00 ފެށިގެން 7:00 ޖަހަންދެކަށެވެ. މިވަގުތުގެ ތެރޭގައި ތިމާވެއްޓަށްޓަކާ އަތް ގުޅާލުމެއް ޖުމްހޫރީ މައިދާނުގައި އޮތެވެ. އަދި ސަލްޓަން ޕާކުގައި ފަންނުވެރިންގެ ގެދަރިން އެއް ވެސް އޮތެވެ.
"ރާއްޖެއަކީ ތިމާވެއްޓަށް ކުރާ އަސަރުތައް ފެންނަން ހުރި ކަމުގެ މިސާލެއް. އަޅުގަނޑުމެން ބޭނުން ވަނީ މުޅި ދުނިޔެއަށް މެސެޖެއް ދޭން. މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ނެތި ދިއުމަކީ އަސްލެއް،" ޖުމްހޫރީ މައިދާނުގައި އަތު ގުޅާލުމުގައި ބައިވެރިވި ސްކޫލެއްގެ ދަރިވަރަކު ބުންޏެވެ.
ހޭލުންތެރިކަމާއި އެކިއެކި މެސެޖްތައް ދިނުމުގައި އެއް ބަޔަކު އުޅުނު އިރު ގިނަ މީހުން ނުކުމެ އުޅުނީ ހަމަ ހިތްހަމަޖައްސައިލާށެވެ.
"ވަރަށް އުފާވެފަ މި ހުރީ. މިގޮތަށް ސަލްޓަން ޕާކުގައި މިއުޒިކް ކުޅޭ ތަން ބަލާލަން އިނީމަ ވަރަށް ހިތްހަމަޖެހޭ. ހިނގާފައި މާފަންނު ފެށިގެން މިތަނަށް މި އައީ. ދަންނަ ވަރަށް ގިނަ މީހުން ވެސް މަގުމަތިން ފެނުނު މިއަދު. އެހެންޏާ ނުފެންނާނެ ވަރަށް،" ހަދީޖާ މުހައްމަދި (ހައްޖަ)، 23، ބުންޏެވެ.
ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކެއް މާދަމާ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާ ހެނދުނު 7:00 ފެށިގެން މާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ އެވެ. ސިފައިންގެ ވެޓެރަންސް ޓީމު ޓްރެކް ސަރަހައްދު ސާފު ކުުރުމަށް ހަމަޖެހިފައިވާއިރު މަސް މާރުކޭޓު ކުރިމަތިން ފަޅު ސާފު ކުރުމަށް ފުލުހުން ހަރަކާތްތެރިވާނެ އެވެ.