ބްރެޒިލްގައި އަންނަ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމެއްގެ ކުޅުންތެރިން ވެސް ޑޯޕިން ޓެސްޓް (މަނާ ބޭސް ބޭނުން ކޮށްފަ ހުރިތޯ ބެލުމަށް ހަދާ ޓެސްޓް) ރަނގަޅު ވަގުތުގައި ހެދޭނެ ކަމަށް އުންމީދު ކުރާ ކަަމަށް ފީފާއިން ބުނެފި އެވެ.

މުބާރާތް ފެށެން އެންމެ ފަސް ދުވަހަށް ވެފައިވާއިރު ފީފާއިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ، މުބާރާތުގައި އެގައުމެއް ވާދަކުރުމުގެ ކުރިން، އެގައުމެއްގެ ހުރިހާ ކުޅުންތެރިންވެސް މަނާ ބޭސް ބޭނުން ކޮށްފަ ހުރިތޯ ބެލުމަށް ހަދާ ޓެސްޓް އެގައުމަކުން ބަލާނެ ކަމުގެ އުންމީދު އެބޮތް ކަމަށެވެ. އަދި ފީފާއިން ވެސް އެކަން ވަރަށް ކައިރިން ބަލާނެ ކަމަށާއި މަނާ ބޭސް ބޭނުން ކޮށްގެން އެކުޅުންތެރިއަކު ހުރިނަމަ، މުބާރާތުގައި އެކުޅުންތެރިއަަކަށް ވާދަ ނުކުރެވޭނެ ގޮތް ހަދާނެ ކަމަށް ވެސް ފީފާގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ވަގުތު އޮތް އިރު ކުޅުންތެރިން މަނާ ބޭސް ބޭނުން ކޮށްފަ ހުރިތޯ ބެލުން ވަރަށް މުހިންމު. އެކަން ކުރުން މިއީ ފީފާގެ ވަރަށް ބޮޑު އެދުމެއް. މަނާ ބޭސް ބޭނުން ކޮށްގެން މެޗުގައި ނުކުޅެވޭނެ. އެކަން ކޮށްފިކަން އެގިއްޖެނަމަ ފީފާއިން އެކުޅުން ތެރިއަކާ މެދު ފިޔަވަޅު އަޅާނެ. މަނާ ބޭސް ކުޅުންތެރިން ބޭނުން ކުރޭތޯ ފީފާއިން ވެސް ބަލާނެ،" ފީފާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފީފާއިން ބުނެފައި ވަނީ، މުބާރާތުގައި ވާދަކުރާ 32 ގައުމުގެ ކުޅުންތެރިން މަނާބޭސް ބޭނުން ކޮށްފައިވޭތޯ ބެލުމަށް ފީފާއިން ޚާއްސަ ޓީމެއްވެސް އެކުލަވާލައިފައިވާ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 32 ގައުމުގެ ތެރޭގައި ހިމެނެނީ ޔޫރަޕްގެ 13 ގައުމަކާއި ދެކުނު އެމެރިކާގެ ހަ ގައުމަކާއި އެފްރިކާގެ ފަސް ގައުމަކާއި އޭޝިއާގެ ހަތަރު ގައުމް އަދި އުތުރު އެމެރިކާގެ ހަތަރު ގައުމެކެވެ.