ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް [ޖޭއެސްސީ]އަށް ރައީސް އައްޔަން ކުރައްވާފައި ހުންނެވި އެ ކޮމެޓީގެ މެންބަރު އައިޝަތު ވެލެޒިނީގެ ހަށިކޮޅަށް ތޫނު އެއްޗަކުން މިއަދު ހަމަލާދިނުމަކީ މުޅި އަދުލްއިންސާފުގެ ނިޒާމާ ދެކޮޅަށް ދެވުނު ހަމަލާއެއް ކަމަށް ޖޭއެސްސީން މިއަދު ބުނެފި އެވެ.


ޖޭއެސްސީގެ މެންބަރު ވެލެޒިނީގެ ހަށިކޮޅަށް ދިން ހަމަލާ އާ ވިދިގެން ޖޭއެސްސީ އިން ބޭއްވި ކުއްލި ބައްދަލު ވުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ ރައީސް އާދަމް މުހަންމަދު ވިދާޅުވީ އެކޮމިޝަނުގެ މެންބަރު ވެލެޒިނީ އަށް މިއަދު އެ ދިން ހަމަލާއަކީ އެކަމަނާއަށް ފަރުދީގޮތުން ދެވުނު ހަމަލާއެއް ނޫންކަމަށާއި އެއީ މުޅި މުއައްސަސާ އާ ދެކޮޅަށް ބަޔަކު ހިންގި ވަރަށް ފިނޑިއަމަލެއް ކަމަށެވެ.


"މި ސިސްޓަމް ފެއިލް ކޮށްލަން ކުރެވޭ މަސައްކަތެއް މީ. މިނިވަން މުއައްސަސާއެއްގެ މެންބަރަކަށް ހާއްސަގޮތެއްގައި މިފަދަ ހަމަލާތައް ދެވެން ފަށައިފި ކަމަށް ވަންޏާ ހަގީގަތުގައި މިއީ މުޅިދައުލަތަށް، އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ، މިއީ މުޅި އަދުލްއިންސާފުގެ ނިޒާމަށް ދެވުނު ހަމަލާއެއް،" އާދަމް މުހަންމަދު ވިދާޅުވި އެވެ.


ޖޭއެސްސީގެ ނައިބު ރައީސް ޑރ. އަފްރާސީމް އަލީ ވެސް ބައިވެރިވެ ވަޑައިގަތް އެބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވީ އެފަދަކަމެއް ދެން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދިނުމަށް އެންމެހާ މުއައްސަސާތަކުގައި ދެންނެވުމަށް މިއަދުގެ އެ ޖަލްސާގައި މެންބަރުން ހުށަހެޅުއްވި ކަމަށާއި އެގޮތުގެމަތިން އެއްވެސް ފަސްޖެހުމެއް ނެތި ހާއްސަ ގާނޫނީ ފިޔަވަޅުތަކާއި ސަލާމަތީފިޔަވަޅުތައް އެޅުމަށް ގައުމީ ސަލާމަތީ ބާރުތަކާއި ހިއުމަންރައިޓްސް ކޮމިޝަނާއި އެހެނިހެން މުއައްސަސާތަކުގައި ދަންނަވާފައިވާ ނެކަމަށެވެ.


"މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން މި ދެންނެވި މުއައްސަސާތަކުން ގާނޫނީ އަދި އެފަދަ ވުމުގެ ކުރިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިދިނުމަށް އަޅުގަނޑު ގޮވާލަން. އަޅުގަނޑު މެންނާ ހަވާލުކުރެވިފައި މިއޮތް ބޮޑު އަމާނާތް، މި ކޮމިޝަނުގެ މަޝްއޫލިއްޔަތާއި ހުރިހާކަމެއް ކޮށްދެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށް މި ކޮމިޝަނުން ގޮވާލަން،" އާދަމް މުހަންމަދު ވިދާޅުވި އެވެ.


މިއަދުގެ އެ ޖަލްސާގައި އާދަމް މުހަންމަދު ވެސް އަދި އަފްރާސީމް ވެސް ވަނީ ހަރުއަޑުން އެއީ ގާނޫނޫ އަސާސީގެ ބާރުކަޑުވާލުމަށް ކުރެވުނު ކަމެއް ކަމަށް ވިދާޅުވެ އެކަން ތަހުގީގުކޮށް އެކަމުގައި ހިމެނޭ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އެންމެހާ ޒިންމާދާރު މުއައްސަސާތަކަށް ގޮވައިލައްވައިފަ އެވެ.  


ޖޭއެސްސީން މިއަދު ވަނީ  ވެލެޒިނީ އަށް ދެވުނު ހަމަލާ ކުށްވެރިކޮށް ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އެބަޔާނުގައި ވެސް އެ ކޮމިޝަނުން ވަނީ އެކަން އެންމެ ފުރިހަމަ އަށް ތަހުގީގުކޮށް ހައްގު އަދަބުދިނުމަށް ޒިންމާދާރު މުއައްސަސާތަކަށް ގޮވައިލައިފަ އެވެ.


ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޑީއާރުޕީގެ އިތުރުން ޕީއޭ އިން ވެސް ވަނީ ވެލެޒިނީ އަށް ދެވުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ރައީސް މުހަންމަދު ނަޝީދު ވެސް މިއަދު ވިދާޅުވީ އެއީ ފިނޑި އަމަލެއް ކަމަށާއި އެކަން ކުރިބަޔަކަށް ހައްގު އަދަބު ދެއްވާނެ ކަމަށެވެ.


ވެލެޒިނީ އަށް ހަމަލާދީ ދިނީ މިއަދު ހެނދުނު ޝަހީދު ކުޑަނެވި ތުއްތު މަގުން އޭނާ ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެކަމަނާގެ ބުރަކަށީގެ ތިން ދިމާލަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ.


ވެލެޒިނީ ގަޔަށް މިއަދުހަމަލާ ދިނީ، އޭނާ ޖޭއެސްސީގައި ހުންނެވިހާ ދުވަހަކު މި ސަރުކާރަށް އެއްބާރުލެއްވުން ނުދެއްވާނެ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، އަދި ތިމަރަފުށީ ދާއިރާގެ ވެސް މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ. އެކަމަނާގެ ހަށިކޮޅަށް ބަޔަކު މިއަދު ހެދުނު ހަމަލާ ދިންއިރު އެކަމަނާ އިއްޔެވަނީ ޖޭއެސްސީ އިން ކުރަމުން ގެންދާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބައްލަވައި ދެއްވުމަށް އެކަމަނާ މަޖުލީހަށް ފޮނުއްވި ސިޓީ ފުޅުތައް އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.