06 Jun 2014, 20:06
ރާއްޖެ އާއި ޗައިނާގެ ވިޔަފާރި އާއި އާދަކާދަ އާއި ސަގާފަތް ދިރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު ޢަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ޗައިނާގެ ވައިސް ޕްރިމިއަރ، ވަންގް ޔެންގާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އެހެނިހެން ދާއިރާތަކުން ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުން ހިމެނޭ ކަމަށެވެ.
އެގޮތުން ޗައިނާއާ އެކު އިގްތިސާދީ ގޮތުންނާއި ދެގައުމުގެ ތާރީހާ އާދަކާދަ ދިރުވުމުގެ ގޮތުން ރާއްޖޭން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތްތަކަށް ޗައިނާއިން މަރުހަބާ ކިޔާފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ، ޗައިނާގެ ވައިސް ޕްރިމިއާ އާއެކު ނައިބު ރައީސް ބޭއްވި ބައްދަލުވުމުގައި ނޭޕާލުގެ ބޮޑު ވަޒީރު ސުޝިލް ކޮއިރަލާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އަދި އެ ބައްދަލުކޮށްލެއްވުމުގައި ރާއްޖެ އާއި ނޭޕާލާއެކު އެކި ދާއިރާތަކުން މިހާރަށް ވުރެ ބޮޑަށް ގުޅުން ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވާ ކަމަށެވެ. އަދި ސާކު ސަރަހައްދުގައި ނޭޕާލުގެ ދައުރާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި ކަމަށް މުއާޒު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ވަނީ، ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމަށް، ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއާއި އަދި އެހެނިހެން ވެސް ވިޔަފާރީގެ ދާއިރާ ތަކަށް ޗައިނީޒް އިންވެސްޓްމަންޓް ތައް ގެނެސް ދޭނޭ ކަމުގެ ޔަގީންކަން ދީފައެވެ.