06 Jun 2014, 19:01
ވޯލްޑް ކަޕްގެ ފުރަތަމަ މެޗް ކުޅޭ އެރީނާ ޑި ސައޮ ޕޯލޯ ސްޓޭޑިއަމް އޮންނަ ސަރަހައްދުގެ މަގުތަކުގައި ބްރެޒިލްގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރިނަމަވެސް މެޗް ބަލަން އެކިއެކި ގައުމު ތަކުން އަންނަ ސަޕޯޓަރުންނަށް އުނދަގޫވާފަދަ އެއްވެސް ކަމެއް މުޒާހަރާގެ ބައިވެރިން ކޮށްގެން ނުވާނެ ކަމަށް ބްރެޒިލްގެ ސަރުކާރުން ބުނެފި އެވެ.
ވޯލްޑް ކަޕް ފެށެން އެންމެ ފަސް ދުވަހަށް ވެފައި ވާއިރު، ބްރެޒިލްގެ މަގުތަކުގެ އަމާން ކަމާމެދު މުބާރާތުގައި ވަދަކުރާ ގައުމުތަކުން އަންނަނީ އެކިއެކި ގޮތް ގޮތައް ސުވާލުތައް އުފައްދަމުންނެވެ. އަދި ބްރެޒިލްގެ ސަލާމަތީ ކަންކަން އޮތީ ކިހާފެންވަރެއްގައިތޯ ބެލުން ވަރަށް މުހިންމު ކަމަށް ވެސް އެކި ގައުމުތަކުން ވަނީ ބުނެފައެވެ.
ބްރެޒިލްގެ ސަރުކާރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ، މުބާރާތް ފެށެން ވާއިރަށް އެކިއެކި ގައުމު ތަކުގެ ސަޕޯޓަރުން މިހާރުވެސް ބްރެޒިލްއަށް ގިނަ އަދަދަކަށް ޖަމާވަމުން އަންނަ ކަމަށާއި އެހެން ކަމުން ސަރުކާރުން ސަލާމަތީ ފިޔަވަލުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މަގުތައް މަތީގައި އިތުރު ޗެކްޕޯސްޓް ތައް ހަދަން ފަށާފައި ވާކަމަށެވެ.
ބްރެޒިލްގައި ކުރާ މުޒާހަރާގެ ސަބަބުން ގައުމަށް އަންނަ އެކިއެކި ގައުމު ތަކުގެ މީހުންނަށް ދޭންޖެހޭ ސަލާމަތީ ޚިދުމަތްތައް ދިނުމުގައި ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސައޮ ޕޯލޯ އާއި ރިއޯ ޑި ޖެނެއިރޯގެ މަގުތަކަށް އެތައް ހާސްބަޔަކު އިއްޔެ އާއި މިއަދުވެސް ނުކުމެ އެ ގައުމުގައި ވޯލްޑް ކަޕް ބޭއްވުމަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަމުންދާއިރު، ރަޔަޓް ފުލުހުން ނުކުމެ މުޒާހަރާގެ ބައިވެރިން ފައްސާލުމަށް ކަރުނަ ގޭސް ބޭނުން ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
ބްރެޒިލްގައި މުޒާހަރާ ކުރާ މީހުންގެ ޝަކުވާ އަކީ އެގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އިޖުތިމާއީ ޚިދުމަތްތަކަށްވުރެ ބޮޑަށް ކުޅިވަރަށް ހޭދަކުރާ ކަމަށް ބުނެ ކުރާ މުޒާހަރާތަކެއް ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރަތުގައި ބްރެޒިލްގެ 12 ޝަހަރެއްގައި، ޖުމްލަ 64 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.